ހަބަރު

ދަރިވަރުން ވެކްސިން ޖެހިތޯ ބަލަން ސްކޫލުތަކަށް އަންގައިފި

Jan 16, 2020
1

ސަރުކާރު ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކުގެ ހުރިހާ ދަރިވަރުންގެ ވެކްސިން ޖެހިތޯ ބަލައި އެ މައުލޫމާތު ސަރުކާރަށް ހިއްސާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފައި ވާއިރު، އެ ބަދަލާ ގުޅިގެން ހުރިހާ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށް އެންރޯލްވާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާ ކުދިންނަކީ ގައުމީ ވެކްސިން ތަވާލުގައި ފުރިހަމަ ކުރަން ޖެހޭ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކުދިންކަން މިއަދުން ފެށިގެން ކަށަވަރުކޮށް ބަލަން ނިންމާފައިވާ ކަމަށެވެ.

އަމާޒަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ތައުލީމު ދިނުން ކަމަށާއި އެގޮތުން ރާއްޖޭގައި ހިންގާ އަވަށު އަދި އަމިއްލަ ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރާ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އަންނަ މަހު 27 ވަނަ ދުވަހުގެ ކުރިން އަޕްޑޭޓް ކުރަން ދަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ވެކްސިން ނުޖަހާ ނުވަތަ ތާވަލު ފުރިހަމަ ނުކުރާ އެއްވެސް ދަރިވަރަކު ސްކޫލަކަށް ފާހަގަވެއްޖެ ނަމަ އެ ދަރިވަރެއްގެ މައުލޫމާތު ވަގުތުން އެޑިއުކޭޝަނާ ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވައި އެ ސެކްޝަން މެދުވެރިކޮށް އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި އެ ކުދިން ބައިވެރިކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ސްކޫލުތަކުގެ ދަރިވަރުންގެ ވެކްސިން މައުލޫމާތުތައް ނަގާއިރު، ހެލްތު މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖޭގެ 18 އަހަރުން ދަށުގެ ހުރިހާ ކުދިން ވެކްސިން ޖަހާފައިވޭތޯ ބަލައި ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މިނިސްޓްރީން ބުނީ ހަފްތާއެއް ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.