ހަބަރު

ސިވިލް ސާވިސް ގަވައިދަށް ހިޔާލު ދޭން ހުޅުވާލައިފި

ސިވިލް ސާވިސްގެ ގަވައިދު އިސްލާހު ކުރަން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަން (ސީއެއްސީ) އިން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ސިވިލް ސާވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެކުލަވައިލި "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014" ރިވިއުކޮށް އިސްލާހު ކުރުމުގެ
މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ގަވާއިދަކީ އާންމުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި، މަސްލަހަތާވެސް ގުޅުންހުރި ގަވާއިދަކަށްވާތީ، ގެންނަ އިސްލާހުތަކަކީ ރައްޔިތުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާއާއެކު ގެނެވޭ އިސްލާހުތަކަކަށްވުން މުހިންމު ކަމަށް ވެސް ސީއެސްސީގެ ބަޔާނުގައި ވެއެވެ.

އެހެންވެ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް ސިޓީ އާއި އީމޭލްގެ ޒަރީއާއިން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.