ޖޭޕީގެ ހަރަކާތްތަކުން ނުފެންނަނީ ހިތްހަމަ ނުޖެހުންތަކެއް އޮތުމުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރިޔާޒު ރޭ ވިދާޅުވީ އޭނާ މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ގުޅިގެން އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ މަސައްކަތަށް ކަމަށެވެ. އަދި ސަރުކާރު ކާމިޔާބު ކަމާއެކު ބޭއްވުމުގެ އަމާޒެއްގައި ކަމަށެވެ. ޖޭޕީގެ ހަރަކާތްތަކުން އޭނާ ނުފެންނަނީ އެހެން ވެގެން ކަަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ޖޭޕީގެ ބައެއް ނިންމުންތަކާއި ސިޔާސަތުތަކާމެދު ވެސް އޭނާގެ ހިތްހަމަ ނުޖެހުން އެބަައޮތް ކަމަށާއި އެހެންވެ ޕާޓީ ހަރަކާތްތަކުން އެއްފަރާތަަށް ޖެހިލައިގެން ހުރުމުގެ ހައްގު ވެސް އޮންނަންވާނެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ހިތްހަމަ ނުޖެހުން އޮތް ކަންކަމުގެ ތަފުސީލަށް ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވި އެވެ.
"ޖުމްހޫރީ ޕާޓީގައި އެބަހުރި އަޅުގަނޑުގެ ހިތްހަމަ ނުޖެހުން، ޕާޓީގެ ބައެއް ސިޔާސަތުތަކާއި ބައެއް ނިންމުންތައް ވެސް... އަޅުގަނޑު ޕާޓީގެ އެތެރޭގެ ބައެއް ކަންކަންވީމަ ޕަބްލިކްކޮށް އެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނުވޭ. ނަމަވެސް އެ ހިތްހަމަނުޖެހުން ހުންނާތީވެ [ދުރުގައި ހުރީ] ކޮންމެ ގޮތެއް ވިޔަސް އެއީ އޮބްވިއަސް ކަމެއް، މީހަކު ގަބޫލު ނުކުރާ ކަމެއްގައި އެ މީހަކު ނޫޅުމަކީ އެއީ އެ މީހަކަށް އޮންނާނެ ހައްގެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ," ރިޔާޒް ވިދާޅުވި އެވެ.
ރައީސް ސޯލިހު ރިޔާސީ ކެމްޕެއިން ދުވަސްވަރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން އެ ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވީ ރިޔާާޒެވެ. އަދި އެއަށް ފަހު ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވުމަށް ފަހު ޖޭޕީގެ ހަރަކާތްތަކުން ރިޔާޒު ގެއްލުނީ މަޖިލިސް އިންތިހާބުގައި ޕީޕީއެމާ ގުޅުމެއް އުފެއްދި ހިސާބާއި ފަހުން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެ ޕާޓީއަށް ވެއްދި ހިސާބުންނެވެ.