ހަބަރު

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން 'ޖެންގޯ ގާލްސް މާލެ' ނަމުގައި ވޯކްޝޮޕެއް

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 'ޖެންގޯ ގާލްސް މާލެ' ނަމުގައި ވޯކްޝޮޕެއް ހިންގުމަށް ހަމަޖެހިއްޖެ އެވެ.

ހަފްތާ ބަންދުގައި ބާއްވާ މި ވޯކްޝޮޕް ހާއްސަ ކޮށްފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.

ދިރާގުން ބުނީ، ޖަނަވަރީ ގައި ޖެންގޯ ގާލްސް މާލެ ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ވެބްސައިޓް ހަދަން ދަސްކޮށްދޭނެ ކަމަށެވެ. ވޯރކްޝޮޕްގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ވިމެން އިންޓެކް މޯލްޑިވްސް އިން 2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނެވެ. 'ޖެންގޯ ގަލްސް މާލެ' ގެ ބައިވެރިން ވެބްސައިޓްސްތައް ހަދާނީ ކޯޗުންގެ އިރުޝާދާއެކުގައި ކަމަށް ދިރާގުން ބުނެ އެވެ.

މި ވޯކްޝޮޕްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖެންގޯ ގާރލްސްގެ ވޯކްޝޮޕެކެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި 'ގަލްސް ޓު ކޯޑް' ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ސީރީސް ޕްރޮގްރާމެއް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމު ފުވައްމުލައް ސިޓީގައި ބޭއްވި އެވެ. އަދި މި ފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގުމަށްވެސް ވަނީ ރޭވިފަ އެވެ.