މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމްގެ ހުރިހާ ގަވާއިދެއް އިސްލާހު ކުރަނީ

ޓޫރިޒަމް މިނިސްޓްރީން މިހާރު އަމަލު ކުރަމުންދާ ހުރިހާ ގަވާއިދެއް އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ މިހާރު އަމަލު ކުރަމުންދާ ހުރިހާ ގަވާއިދެއް އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށާ އައު އިސްލާހުތައް ގެންނާނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށެވެ. އެގޮތުން މިއަދު ވަނީ ތިން ގަވާއިދަކަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެއީ ޓޫރިޒަމާބެހޭ ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވާއިދުގެ އިތުރުން ފަތުރުވެރިންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމާއި ބެހޭ ގަވާއިދެވެ.

އެ މިނިސްޓްރީން ބުނީ މި ތިން ގަވާއިދަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ދެން ހުރި ގަވާއިދުތަކަށްވެސް އާންމުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލާނެ ކަމަށެވެ.

އާންމުންގެ ހިޔާލު ހުށައެޅުމަށް މިއަދު ހުޅުވާލި ގަވާއިދުތަކުގެ ތެރެއިން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވާއިދުގެ އިތުރުން ފަތުރުވެރިންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމާއި ބެހޭ ގަވާއިދާ ހިލާފަށް ބައެއް ރިސޯޓްތަކުގައި އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން މީގެ ކުރިން ކޮށްފައިވެއެވެ.

މިދިޔަ އަހަރު ބައެއް ރިސޯޓްތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާފައިވާއިރު، ބައެއް ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުގައި އުސޫލުތަކާއި ހިލާފަށް ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމުގެ މައްސަލަތައްވެސް މިިދިޔަ އަހަރުތަކުގައި ހުށައެޅިފައިވެއެވެ.