އެމްއެންޑީއެފް

ގިރިފުއްޓަށް ލެއްގީ ފަތް ޕާރުސަލެއް

ގިރިފުށީ ޖެޓީ ސަރަހައްދަށް މިއަދު ލެއްގި ޕާރުސަލްގައި ހުރީ ކޮން އެއްޗެއްތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގިރިފުށީ ޖެޓީ ސަރަހައްދަށް ޕާރުސަލް ކޮށްފައި އޮތް އެއްޗެއް ލައްގާފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ކަމަށެވެ.

އެއީ ދެ ފޫޓްގެ ޕާރުސަލެއް ކަމަށާ އެއީ ކޮން އެއްޗެތޯ ބެލުމަށް ފުލުހުންނާއި ގުޅިގެން ބަލަމުން ގެންދާ ކަމަށެވެ.

"އޭގައި އެވަނީ ކޮންއެއްޗެއްކަން އެނގޭނީ ފުލުހުންގެ އިންވެސްޓިގޭޝަން އަށް ފަހު. އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި" އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވަނީ އެ ޕާރްސަލްގެ ތެރޭގައި ހުރި ތަކެތި ފެންނަ ފޮޓޯތަކެއް މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ފޮޓޯއިން ފެންނަނީ ވަރަށް ރީތިިކޮށް ބޮޑިބޮޑިއަށް ބަދެފައިވާ ފަތްތަކެކެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފަތްތަކެއްކަން ވަކި ކުރާކަށް ނޭންގެއެވެ.

ދެ ފޫޓްގެ އެ ޕާރްސަލްގައި ވަރަށް ގިނަ އަދަދަކަށް އޭގެ ފަތް ހުއްޓެވެ.

އަދި ޕާރްސަލްގައި ފަތްތައް ބަންދު ކޮށްފައިވަނީ ދެ ބަޔަކަށް ވަރަށް ތަރުތީބުންނެވެ.

ބަންދުކޮށްފައިވާ ފަތްތަކެއް ބ. އޭދަފުށި ފަޅުތެރެއިންވެސް މިދިޔަ ޑިސެންބަރު މަހު ވަނީ ފެނިފައެވެ.

އެއީ ކޮން އެއްޗެއްތޯވެސް އޭރު ފުލުހުން ވަނީ ބަލާފައެވެ. ނަމަވެސް ފަހުން އޭގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.