ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްގުތަކާއި ހިދުމަތްތައް ލިބެން ނެތް ކަމަށް ބުނުމަކީ ގާނޫނު އަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަތުން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުވީ ވައުދުތައް، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަށް ވީ ވަައުދުތައް، ފުއްދޭނީ މި ކަން ދަންނަ ބަޔަކަށް. އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ، އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީއަށް ކާމިޔާބުވާން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްގުތަކާއި ހިދުމަތްތައް ލިބެން ނެތް ކަމަށް ބުނުމަކީ ގާނޫނު އަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަތުން ކަމަށެވެ. އަދި ނުސީދާކޮށް އެ ވިދާޅުވެވެނީ ރައްޔިތުންނަކީ ވިސްނުމުގެ ގާބިލްކަން ނެތް ބައެއް ކަމަށެވެ.
"ކައުންސިލް އިންތިހާބާ ކުރިމަތިލާއިރު ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް އޮތް ގޮންޖެހުންތަކާއި ބޭރުގެ ނުފޫޒާއި ނުކަތާ ވަރަށް ނަގަމުންދާ ޓެކްސްތަކުގެ ސަބަބުން އުފުލަމުންދާ ވޭން ރައްޔިތުން އިހްސާސް ކުރަންވާނެ. މިއީ މޮޔަ ނުހެއްދޭނެެއޭ ބުނެ، ތެދުވާން ލިބޭ ރަނގަޅު ފުރުސަތެއް." އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޕާޓީތަކުން ވަނީ ފަށާފައެވެ. ސަރުކާރު ހިންގާ މައި ޕާޓީން ގެންދަނީ އެ ޕާޓީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ބުނަމުންނެވެ.
އަދި އިދިކޮޅުން ގެންދަނީ ކައުންސިލް އިންތިހާބަކީ ގައުމު ހަމަޔަކަށް އެޅުވުމަށް ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ބުނެ، އިދިކޮޅު ކެންޑިޑޭޓުންނަށް ގޮނޑިތައް ދިނުމަށް ގޮވާލަމުންނެވެ.