އަބްދުﷲ ޝާހިދު

އިންޑިއާގެ ދަތުރުފުޅަށްފަހު ޝާހިދު ރާއްޖެ ވަޑައިގެންފި

ރައިޒީނާ ޑައިލޮގްގައި ތަގުރީރު ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ޑައިލޮގްގައި މިނިސްޓަރު ޝާހިދު ތަގުރީރުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓަރުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރި ފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުންނެވެ.
ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު ވަނީ 15 ބައްދަލުވުމެއް ބާއްވަވާފައެވެ. އެގޮތުން ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރު ބައްދަލުކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް، ޗެކް ރިޕަބްލިކްގެ ފޮރިން މިނިސްޓަރު ތޮމާސް ޕެޓްރިޗެކް، ލެޓްވިއާގެ ފޮރިން މިނިސްޓަރު އެޑްގާސް ރިންކެވިކްސް، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް، ޑެންމާކްގެ ފޮރިން މިނިސްޓަރު ޖެޕް ކޮފޮޑް، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓަރ ޒެޖާރޓޯ، އެސްޓޯނިއާގެ ފޮރިން މިނިސްޓަރު އުރްމާސް ރެއިންސާލޫ، ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ނަލޭދީ ޕެންޑޯ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އަދި ވިލާތުގެ އިއްތިހާދުގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ އަދި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ޖޯސެފް ބޮރެލް ފޮންޓާލޭސް ހިމެނެއެވެ.

މީގެ އިތުރުން އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު، އިންޑިއާގެ ފޮރިން ސެކްރެޓަރީ (ޑެޒިގްނޭޓް) ހަރްޝް ވަރްދަނާ ޝްރިންގްލާ، އަފްޣާނިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ހަމްދުﷲ މޮހިބް އަދި އެމެރިކާގެ ގައުމީ ސަލާމަތީ ބެހޭ މުޝީރުގެ ނައިބު މެޓް ޕޮޓިންގާ ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމުގެ އިތުރުން ޑައިލޮގްގެ ހަވާސާގައި ކުރިއަށް ދިޔަ އެހެން ދެ ހަރަކާތެއްގައިވެސް މިނިސްޓަރު ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކޯލިޝަން ފޯ ޑިޒާސްޓަރ ރިޒިލިއެންޓް އިންފްރާސްޓްރަކްޗާ އިން އިންތިޒާމްކޮށްގެން ރިޒިލިއެންޓް އިންފްރާސްޓްރަކްޗާގެ މައުލޫއަށް ބޭއްވި ވަށްމޭޒު މަޝްވަރާއެއްގެ އިތުރުން މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާއި ބެހޭ ގޮތުން އޮތް ފޭސްބުކް ލައިވް އިވެންޓެއްގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަތެވެ.