އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެކޮޅަށް ސެނެޓުން ފާސް ކޮށްފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޓްރަމްޕްގެ ދިފާއީ ވަކީލެއްގެ ގޮތުގައި، ކުރީގެ ރައީސް ބިލް ކްލިންޓަންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަހުގީގު ކުރި ކުރީގެ ޕްރޮސިކިއުޓާ ކެން ސްޓާ ހަމަޖައްސައިފި އެވެ.
އޮކްޓޯބަރު 1998 ގައި ކްލިންޓަން އިތުބާރު ނެތް ކަމުގެ މައްސަލަ ތަހްގީގްކޮށް ރިޕޯޓް އެކުލަވާލުމުގެ އެންމެ އިސްކޮށް މަސައްކަތް ކުރީ ކެން ސްޓާ އެވެ. އޭނާގެ އިތުރުން ވެސް، އެމެރިކާގައި މަޝްހޫރުކަން ހޯދާފައިވާ އިތުރު ދެ ވަކީލެއް ވެސް ޓްރަމްޕްގެ ގާނޫނީ ޓީމުގައި ހިމެނެ އެވެ. އެއީ އެލަން ޑާޝަވިޒް އަދި ރޮބަޓް ރޭ އެވެ. ޑާޝަވިޒް އަކީ އެމެރިކާގެ ކުރީގެ ބެންކާ ޖެފްރީ އެއިޕްސްޓެއިންގެ މައްޗަށް ކުރެވުނު ޖިއްސީ ފުރައްސާރަ ކުރުމުގެ ދައުވާގައި އޭނަގެ ދިފާއުގައި މަސައްކަތް ކުރި ވަކީލެވެ. ރޮބަޓް ރޭ އަކީ ކްލިންޓަންގެ ދައުރުގައި، ކެން ސްޓާއަށް ފަހު އެމެރިކާގެ އިންޑަޕެންޑެންޓް ކައުންސެލްއަށް ހަމަޖެއްސި ޕްރޮސިކިއުޓަރެވެ.
އެ ތިން ވަކީލުންގެ އިތުރުން އެހެން ބައެއް ވަކީލުން ވެސް ހިމެނޭ ޓީމުގެ އެންމެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާނީ ވައިޓް ހައުސްގެ ވަކީލް ޕަޓް ސިފޮލޯނީ އެވެ. އެ ފަރާތްތަކުން ވެސް ސެނެޓްގެ ފްލޯގައި ޓްރަމްޕްގެ ދިފާއުގައި ވާހަކަ ދައްކާނެ އެވެ.
މިދިޔަ މަހު، ސެނެޓުން ފާސް ކޮށްފައިވާ އިމްޕީޗް ކުރުމުގެ މައްސަލައިގައި ޓްރަމްޕްގެ ފަރާތުން ޖަވާބު ދާރީ ވުމަށާއި ދިފާއުވުމުގެ މަރުހަލާ މިފެށޭ ހަފުތާގައި ސެންޓްގައި ފަށާނެ އެވެ. އެ މަރުހަލާ ދެހަފުތާއަށް ދެމިގެން ދާނެ އެވެ. ޓްރަމްޕް މަގާމުން ވަކި ކުރެވޭނީ ހުރިހާ މަރުހަލާއެއް ނިމުމަށް ފަހު ސެނެޓްގައި ނަގާ ވޯޓުން ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެމެރިކާގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ އެނަލިސްޓުން ލަފާ ކުރާ ގޮތުގައި އެ އަދަދު ހަމަވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ޓްރަމްޕްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ދެ ކަމެއް ފާހަގަ ކޮށެވެ. އެއީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އޮބާމަގެ ނައިބު ރައީސް އަދި ކުރިއަށް އޮތް އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލައްވާ ކެނޑިޑޭޓް ޖޯ ބައިޑަންއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި މައްސަލަ އެވެ. އަނެއް މައްސަލަ އަކީ ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެމުގެ މައްސަލަ އެވެ.