ކަނޑުހުޅުދޫ

ކަނޑުހުޅުދޫ ކުޑަކުއްޖާގެ ދިފާއުގައި ގައުމު

Jan 18, 2020

ދެ އަހަރު ނުވާ މައުސޫމު ކުއްޖެކެވެ. އެހާ ކުޑައިރު ކުރިމަތިލާން ޖެހުނީ ހިޔާލަށް ވެސް ގެންނަން އުނދަގޫ ކަމަކާ އެވެ. އެ ކުއްޖާއަށް ހިމާޔަށް ލިބެން ޖެހޭ އަމިއްލަ ގޭތެރެއިން ކުރި އަނިޔާތަކަށް ނޫނެކޭ ބުނާނެ ގޮތެއް ވެސް ނޭނގޭނެ އެވެ. އެ ހާލަތުގައި ހުއްޓާ ބައްޕަ އާއި ކާފަ އާއި މުނިކާފަގެ ޖިންސީ ޝިކާރައިގެ ވަކީގެ ދަށުގައި ވީއެވެ. އަނިޔާވެރި ހުތުރު އަމަލުތަކުގެ ވެއްޓެއްގައި ބަންދުވެފައި ވެސް އެތައް ދުވަހެކެވެ.

ކުއްޖާގެ މަންމަ އާއި ބައްޕައަކީ ޑްރަގް އެޑިކްޓުން ކަމަށް ވެއެވެ. މުނިކާފަ އާއި ކާފައަކީ މުޅި ރަށަށް ގިނަވެ އެއީ "ބެހެން" އުޅޭ ބައެއް ކަމަށް ބުނެ އެވެ. އެ ރަށުގެ އެހެން ކުޑަކުދިން ވެސް އެމީހުން ދެކެ ބިރުގަންނަ ކަމަށް ވެއެވެ. ފެނުމުން ދުވެ ފިލަ އެވެ. އެކަން ބަޔަކަށް އެނގުނަސް މިހާތަނަށް ވެސް އޮތީ އެނގޭ ސިއްރެއްގެ ގޮތުގަ އެވެ. މީގެ ކުރިން ވެސް އެތައް އަމަލެއް ހިނގާފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ.

ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ދަރިފުޅަށް ޖިންސީ އަނިޔާ ދޭނެ ކަމަށް ހިޔާލަށް ވެސް ނުގެނެވެ އެވެ.

އެ އާއިލާއަށް ނިސްބަތްވާ ބައެއް މީހުން ކިޔައިދޭ ގޮތުގައި ކުއްޖާގެ ބައްޕަގެ އާއިލާއޭ ކިޔައިގެން އެނގިފައި ހުރި ވާހަކަތަކުގެ ސަބަބުން މަންމަގެ އާއިލާއިން އެ ކުއްޖާގެ ހާލު ބަލަމުން އައި ނަމަވެސް ކުއްޖާއަށް ޖިންސީ އަނިޔާ ކުރަމުން ދިޔައީ ބައްޕަ އާއި ކާފަަ އާއި މުނިކާފަައަށް ވުމުން އެކަން ސިއްރުވެފައި އޮތީ އެވެ.

މައްސަލަ ބޭރަށް ނުކުމެ، އެ މީހުން ހައްޔަރުކޮށް މުޅި ގައުމު އެ ކުއްޖާގެ އިންސާފަށް އެދި އެބަ ގޮވަ އެވެ.

އިއްޔެ ޖެންޑާ މިނިސްޓްރީ ކުރިމަތީ ބޭއްވިި ހިމޭން އެއްވުމުގައި ތިބި އާއްމުން ދެއްކީ މި ވާހަކަތަކެވެ. މިފަދަ މީހުނާއި އަމަލުތައް ހުއްޓުވާށެވެ. އެ މީހުނާއި އެކަން ހުއްޓުވޭނީ ހައްގު އަދަބު ދީގެނެވެ. މިއަދު ހައްޔަރުކޮށްފަައި މާދަން ދޫކޮށްލުމުން އަނިޔާވެރިންނަށް ލިބޭނީ އިތުރު ހިތްވަރެކެވެ.

އާއިލާއެއްގެ ތިން ބަފަައިން އެކުވެ އެފަދަ މުޑުދާރު އަމަލެއް ހިންގީތީ ރާއްޖެ އޮތީ ލަދުގެންފަ އެވެ.

"އަންހެން ދަރިއަކަށް ލެއްވިގެންވާ އެންމެ ބޮޑު ހިމާޔަތަކީ ބައްޕަ އެވެ. ކާފަ އެވެ. މުނި ކާފަ އެވެ. އެމީހުން އެ ދަރީގެ އިއްޒަތް ވެއްޔާ މޮޑެލުމަކީ މުޅި އިންސާނިއްޔަތުގެ ގަދަރު ވެއްޔާ މޮޑެލުމެވެ!" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަަކު ލިޔުނެވެ. "ދަރިއަކަށް ހެޔޮކޮށް ހިތައި ނުބަލަހައްޓާނެ މީހަކަށް ދަަރިޔަކު ނުދެއްވާށި އެވެ. ހަައިވާނުންވެސް އެސޮރުގެ ޅަ ދަަރިންގެ ހިމާޔަތުގައި ފުރާނައިން ގުރުބާން ވެ އެވެ. ވީއިރު ދަރިންނަށް އުޑު ކަރުނަ އަޅާފަަދަ ބޮޑެތި އަނިޔާ ދޭ މީހުން އިންސާނުންގެ ދަރަޖައިގައި ވާހުށީ ކިހިނެއް ހެއްޔެވެ؟"

މި މައްސަލައާ ގުޅިގެން ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުވައްސަސާތައް އަދި، މުުޖުތަމައުއެއްްގެ ގޮތުގައި ފޭލިވެއްޖެ ކަމަށް ބައެއް ފަރާތްތައް ބުނެ އެވެ. އަދި މި ގައުމުގައި ރޭޕް ކުރާ މީހުންނަށް ހައްގު އަދަބު ދޭނީ ކޮން ދުވަހަކުންތޯ މީހުން ދަނީ ސުވާލު ކުރަމުންނެވެ.

ކުޑަ ކުއްޖާގެ ދިފާއުގައި މިއަދު މުޅި ގައުމު ތެދުވެއްޖެ އެވެ. އެކަމަކު ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. އެފަދަ އެތައް މައްސަލައެއް ފެންމަތިވެފައި ވެއެވެ.