ހަބަރު

ކުއްޖާގެ ކާފަ އާއި މުނިކާފަ ދޫނިދޫގައި ބަންދުކޮށްފި

Jan 18, 2020
1

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 81 އަަހަރުގެ ހަސަން މޫސާ ދީދީ މާލެ ގެނެސް ދޫނިދޫ ޖަލުގައި ބަންދު ކޮށްފި އެވެ.

އިބްރާހިމް ދީދީ އާއި ހަސަން މޫސާ ދީދީއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެ މީހުން މާލެ ގެނައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ކަނޑުހުޅުދޫން އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 3:15 ހާއިރެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔަ އެވެ. ނަަމަވެސް އެ މީހުންނާ ދެކޮޅަށް އެ ރަށު ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށުމުން ގދ. ހޯޑެއްދޫގައި ހުންނަ ފުލުހުންގެ މަރުކަޒެއްގައި ބަންދު ކުރީ އެވެ.

މި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ އެ ދުވަހު ހަވީރު ހުޅުމާލޭ ފްލެޓެއް ތެރޭ ފިލާ އޮއްވާ އާންމު ރައްޔިތުންތަކެއް އެ ސަރަހައްދަށް އެއްވެ ހަލަބޮލިކޮށް މުޒާހަރާ ކުރުމުންނެވެ.

ފުލުހުން ބުނެފައި ވަނީ އިބްރާހިމް ދީދީ އާއި ހަސަން މޫސާ ދީދީއަކީ މީގެ ކުރިން ވެސް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ.