ހަބަރު

ދޯނީގައި އިތުރު ދިވެއްސަކު ހުރި: ފުލުހުން

Jan 18, 2020

ކ. ކަގި ފަރަށް މުދާ އުފުލާ ދޯންޏެއް އަރައި އެ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ހާދިސަގައި އިތުރު ދިވެއްސަކު ވެސް އެ ދޯނީގައި ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މަހު ހަވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އޭރު އެނގުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން މައުލޫމާތު ދިން ގޮތުގައި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ފަރަށް އަރާފައިވާ ދޯނި ކައިރިން ދިޔަ އެހެން ބަޔަކު ނަގާފައިވާ ފޮޓޯތަކެއް އެ ދުވަސްވަރު އާންމުވި އިރު އެ ފޮޓޯތަކުގައި ކައްޕި އާއި ބިދޭސީ ދެ މީހުން ފެންނަން ވެސް ތިބެ އެވެ.

ނަމަވެސް ކައްޕި ގެއްލުނު ހާދިސާ ހިނގި އިރު އެ ދޯނީގައި އިތުރު ދިވެއްސަކު ހުރި ކަމަށް ފުލުހުން ވަނީ އަވަސްއަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މީހާ އޭރު ކޮބައި ކަމެއް ނުވަތަ މިހާރު ހުރި ތަނެއްގެ މައުލޫމާތެއް ނުދެ އެވެ.

ކައްޕި ގެއްލުނު ސަަރަހައްދުގެ ފަރުގެ އަޑިން ވަޅިއަކާއި ލޭގެ އަސަރު ހުރި ތުވާއްޔެއްގެ އިތުރުން ފޯނެއް ވަނީ ހޯދައިފަ އެވެ. އެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރި އިރު ކައްޕި ގެއްލުނު އިރު ބޯޓުގައި ތިބި ދެ ބިދޭސީން ހައްޔަރު ކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ކައްޕި ހޯދުމުގެ މަސައްކަތް ދާދި ފަހަކާ ޖެހެންދެން ވެސް އެމްއެންޑީއެފް އިން އައީ ކުރަމުންނެވެ. އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.