ޑރ. މުހައްމަދު ޖަމީލް އަހުމަދު

"މިއީ ސިޔާސަތެއް ނެތި އަޑުގަދަ ކުރާ ބައެއް"

މި ސަރުކާރުގައި ތިބީ ސިޔާސަތެއް ނެތި ހަމައެކަނި އަޑުގަދަ ކުރާ ބައެއްކަން މުޅި ދުނިޔެއަށް ފަޅާ އަރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަނެއްކާ ވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިފަހަރު ސަރުކާރަށް ފާޑުވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލާދީ ރޮއިޓާސްގައި ލިޔެފައިވާ ހަބަރެއްގައި ހިމެނޭ މައުލޫމާތުތަކަކީ އެ މަނިކުފާނު ވިދާޅުވި ވާހަކަތަކެއް ނޫން ކަމަށް ޝާހިދު ވިދާޅުވުމާއި ގުޅިގެންނެވެ. މިއީ މިފަހުން ބޭރުގެ މަޝްހޫރު ނޫހެއްގައި ޝާހިދާ ހަވާލާދީ ލިޔެފައިވާ ހަބަރެއް އެމަނިކުފާނު ދޮގު ކުރެއްވި ދެވަނަ ފަހަރެވެ.

ޖަމީލު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ވެސް ސަރުކާރުގެ ވެރިން ދައްކަވަނީ މުޅިން ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި ވެސް ސަރުކާރުގެ ވެރިން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭތަން ފެންނަމުން ދާ ކަމަށެވެ.

"އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ވެސް މުޅިން ދެކޮޅު ނުޖެހޭ ވާހަކަތައް. އިންޓަނޭޝަނަލް އެއާފޯޓެއް އަލުން އިންޓަނޭޝަނަލް ކުރާ ވާހަކަ." ހަނިމާދޫ އެއާޕޯޓް އަލުން އިންޓަނޭޝަނަލް ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މި ސަރުކާރުގައި ސިޔާސަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުގައި ތިބީ ހަމައެކަނި އަޑުގަދަ ކުރާ ބައެއް ކަން މުޅި ދުނިޔެއަށް ފަޅާ އަރަމުންދާ ކަމަށެވެ.

"ބޭރު ދުނިޔެ އަށްވެސް ފަޅާއަރަމުން މިދަނީ މިއީ ސިޔާސަތެއް ނެތި ހަމައެކަނި އަޑުގަދަކުރާ ބައެއްކަން."

މިދިޔަ ސަރުކާރުގެ ދުވަސްވަރު ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލާދީ ރޮއިޓާސްގައި ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޝާހިދާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވަނީ ކުރީ ސަރުކާރުން ގައުމުތަކުން ފައިސާ ހޯދާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށެވެ. އަދި އެކަންކަން ރިޔާސީ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މިނިސްޓަރާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ މައްސަލަތަކުގެ ހަގީގަތާއި ހަމައަށް ވަރަށް އަވަހަށް ވާސިލް ވެވޭނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު ނޫހަށް އޮޅުނީ ކަމަށެވެ. އެސެޓްސް ރިކަވަރީ ކޮމިޝަނުން އެއްވެސް ގައުމެއްްގެ މައްސަލައެއް ބަލަމުންނުދާ ކަމަށާ ބަލަމުންދަނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ޝާހިދު ވިދާޅު ވިއެވެ.