އެސްޓްސް ރިކަވަރީ ކޮމިޝަނުން އެއްވެސް ގައުމެއްގެ މައްސަލައެއް ބަލަމުންނުދާ ކަމަށާއި އެ ކޮމިޝަނުން ބަލާނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ ކަމަށް ޝާހިދާ ހަވާލާދީ ރޮއިޓާސްގައި ލިޔެފައިވާ ހަބަރެއް ލިޔުމާ ގުޅިގެނެވެ.
އެކަމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވި އޭނާ ދެއްކެވި ވާހަކަ އެ ނޫހަށް އޮޅުނީ ކަމަށެވެ. އެސްޓްސް ރިކަވަރީ ކޮމިޝަނުން އެއްވެސް ގައުމެއްްގެ މައްސަލައެއް ބަލަމުންނުދާ ކަމަށާއި ބަލަމުންދަނީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ ކުރީ ސަރުކާރުން ގައުމުތަކުން ފައިސާ ހޯދާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށާއި އެކަންކަން ރިޔާސީ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ހަގީގަތާއި ހަމައަށް ވަރަށް އަވަހަށް ވާސިލްވެވޭނެ ކަމަށް ރޮއިޓާސްގައި ބުނެފައިވެ އެވެ.
ޝާހިދު ވިދާޅުވި ވާހަކަފުޅެއް ރޮއިޓާސްގައި ނުބައިކޮށް ގެނެސްދިން ކަމަށް އޭނާ ވިދާޅުވި އިރު، ޗައިނާއިން ނަގާފައިވާ ދަރަނިތައް "ރީސްޓްރަކްޗާ" ކުރަން ނިންމާފައިވާ ކަމަށް އެސޯސިއޭޓަޑް ޕްރެސް (އޭޕީ) ޝާއިއު ކުރި ހަބަރެއް ވެސް ފޮރިން މިނިސްޓްރީން ކުރިން ދޮގު ކުރި އެވެ.
އެފަހަރު އޭޕީ އިން ބުނެފައި ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ދަތިތަކެއް ހުރި ކަމަށާއި އެހެންކަމުން ދަރަނި ރީސްޓްރަކްޗާކޮށް ހައްލު ހޯދަން އެ ގައުމާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެކަން ދޮގު ކުރައްވައި ފޮރިން މިނިސްޓްރީން އޭރު ބުނީ ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކުރާ ކަމަކަށް މިނިސްޓަރު ވިދާޅު ނުވާ ކަމަށާއި ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ހަމައެއް ނެތި ދަރަނި ނަގާފައިވާ ވާހަކަ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި މަޝްވަރާކޮށްގެން ކުރެވޭ ވަރަށް ރާއްޖެއާއި ޗައިނާގެ ގުޅުން ވަރުގަދަ ކަމަށާއި މި ވެރިކަމުގައި ޗައިނާއާއެކު އޮތް ގުޅުން އާ އުސްމިންތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.