ޝިދާތާ ޝަރީފު

މައްސަލަތައް ހައްލުކޮށް އިސްލާހު ގެންނާނެ މީހަކީ އަޅުގަނޑު: ޝިދާތާ

އިސްތިއުފާ ގޮވަމުން ދިޔަ ނަމަވެސް ގައުމުގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް އިސްލާހު ކުރެވޭނެ މީހަކީ އެކަމަނާ ކަމަށް އަމިއްލަ ނަފުސަށް ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ފެންމަތިވެގެން އުޅޭ އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ކުރިމަތީގައި އިއްޔެ ކުރި އިހްތިޖާޖްގެ ތެރެއިން ވަނީ މިނިސްޓްރީއަށް ކަންކަން އިސްލާހު ނުކުރެވޭ ކަމަށް ބުނެ މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލަމުންދާތީ އެ ކަމަށް ރައްދު ދެއްވައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ ކަންކަން މިހާރު ވެސް އިސްލާހުކޮށްފައިވާ ކަމަށާއި އިސްލާހު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރުގެ މަގާމުން އެކަމަނާ ފެއިލްވެއްޖެކަން ސާބިތުކޮށްދީފިނަމަ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ވެސް ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެހެންވިޔަސް މައްސަލަތައް ހައްލު ކުރެވޭނެ ވަޒީރަކީ އެކަމަނާ ކަމުގެ ފުރިހަމަ އިތުބާރު އަމިއްލަ ނަފުސަށް އޮތުމުން ހުންނެވީ އެ އަޒުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފެއިލާއެއް ފެނިއްޖެނަމަ އިސްތިއުފާ ދިނުމަކީ ފަސް ޖެހޭނެ ކަމެއް ވެސް ނޫން. އެހެންވިޔަސް އަޅުގަނޑުގެ މަސައްކަތުގައި އަމާޒު ހިފާފައި މި ހުރީ، އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެ ޔަގީން ކަން އެބަ އޮތް އަޅުގަނޑަކީ އެ މަސައްކަތް ކުރެވޭނެ މީހާ ކަން،" ޝިދާތާ ވިދާޅުވި އެވެ.

މީގެ ކުރިން ޖެންޑާ މިނިސްޓްރީގެ މަގާމެއްގައި ޝިދާތާ ހުންނަވަނިކޮށް ވ. ރަކީދޫގައި މަންމައެއްގެ އަނިޔާތަކުގެ ޝިކާރައަކަށްވެ މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލާގައި ޝިދާތާގެ އިހުމާލެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް އެކަމަނާ މިއަދު ރައްދު ދެއްވި އެވެ. ވިދާޅުވީ އެ ވާހަކަ ދައްކަން ސިޔާސީ ބޭނުމެއްގައި ކަމަށާއި އިހުމާލު އޮތްނަމަ މިދިޔަ ސަރުކާރުގައި ފިޔަވަޅު ނާޅާ ނޯންނާނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހާލަތު އޮތީ މާ ގޯސްކޮށް ކަމަށެވެ. އެ ގޮތުން 12 އަހަރުވަން ދެން މަޖިލީހުގައި އޮތް ކުޑަކުދިންގެ ހައްގުތަކާއި އަދުލުގެ ނިޒާމާ ގުޅޭ ބިލުތައް ތަސްދީގުކޮށް އަމަލު ކުރަން ފެށިކަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ ކުރިން އަމަލު ކުރަން ޖެހުނީ ވެސް ހާލަތާ މުޅިން ނުބައްދަލު ގާނޫނުތަކަކަށް ކަމަށެވެ.

"މިއަދު ހާލަތާ އެއްގޮތްވާ ޒަމާނަށް ފެތޭ ގާނޫނަކާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، ރަނގަޅަށް ބަލާ ބަޔަކަށް ފެންނާނީ ހަގީގަތުގައި މި ސަރުކާރު ފެއިލްވަމުންދާ މަންޒަރެއް ނޫން، މި ސަރުކާރުން ސިސްޓެމެޓިކް ރަނގަޅު ބަދަލުތަކެއް ގެންނަމުންދާ މަންޒަރު،" މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ގެއަކުން އެފަދަ މައްސަލަތައް މިނިސްޓްރީއާ ހަމައަށް އައުމުން އެ މައްސަލައެއް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްްވަމުން ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ މައްސަލައެއް ހުށަނޭޅި ނަމަވެސް ތަންތަން މޮނިޓާކޮށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި ވަޒީފާގައި ތިބޭ ކޮންމެ ދުވަހަކީ ވެސް އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ހުންނާނެ ދުވަހެއް ކަމަށް ދެކި އެ މިސްރާބަށް މަސައްކަތް ކުރުމަށް، މި ސަރުކާރު ވެގެން ދާނީ މިފަދަ މައްސަލަތައް ހައްލުކޮށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ސަރުކާރަކަށް،" މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.