ހަބަރު

އެއްވުމުގެ ތެރެއިން 17 ފުލުހަކަށް އަނިޔާވެފައިވޭ: ފުލުހުން

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ އޮތް ފްލެޓް ކައިރީ އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ތެރެއިން 17 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ބައްޕަގެ އިތުރުން ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭނާ ހުލުމާލޭގައި އުޅޭ ފްލެޓް ކައިރިއަށް އާންމުންގެ ގިނަ ބަޔަކު އެއްވެ އެ ސަރަހައްދު ހަލަބޮލިކޮށްފައި ވަނިކޮށް ފުލުހުން އެ ފްލެޓަށް ގޮސްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރުމަށްޓަކައި ކަމަށް ބުނެ އިއްޔެ ހުޅުމާލެ 108 ފްލެޓް ކައިރީ ހިނގާ ދިޔަ ޒާތުގެ ކަންކަމަކީ އެއް ގޮތަކަށް ފުރުސަތު ދެވޭ ކަންކަން ނޫން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އެ ފްލެޓް ބިއްލޫރިގަނޑަށާއި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުފަހަރަށް ވެސް އެ ސަރަހައްދަށް އެއްވެ ތިބި ބަޔަކު ވަނީ ގެއްލުން ދީފަ އެވެ. ފުލުހުން ބުނީ އެ ފްލެޓް ތެރޭ ތިބި އެހެން ބަޔަކާއި ކުޑަކުދިންތަކެއް ބޭރަށް ނުނުކުވެ ތާށިވެފައި ތިބި ކަމުގެ ޝަކުވާތައް ވެސް ލިބުނު ކަމަށެވެ.

ފުލުހުން ބުނީ އެ އެއްވުމުގެ ތެރެއިން ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި 27 މީހަކު އެ ސަރަހައްދުން އެ ވަގުތުން ވަގުތަށް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނު ކަމަށެވެ. އެއީ އެ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންގެ ތެރެއިން 17 މީހަކަށް އެކި ވަރުގެ ބޮޑެތި އަނިޔާ ލިބުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުއްޖާގެ ހައްގުގައި ކަމަށް ބުނެ އެހެން މަގްސަދެއް ހާސިލު ކުރުމަށްޓަކައި ވެސް ބައެއް މީހުން އެ ސަރަހައްދަށް ޖަމާވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ ފުލުހުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންކަން ކަމަށާއި ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

"ކުއްޖާގެ ހައްގުގައި ކަމަށް ބުނެ ކޮންމެވެސް އެހެން މަގްސަދެއް ހާސިލު ކުރުމަށްޓަކައި އެ ސަރަހައްދަށް އެއްވެ ކޮންމެ ވެސް އެހެން ޝުއޫރުތަކެއް އެ ތަނުގައި އުފުލި ކަމަށް، އެއީ އަޅުގަނޑުމެން ހަގީގަތުގައި ވެސް ވަރަށް ހިތާމައާއެކު ފާހަގަ ކުރާ ކަމެއް. އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެދެން،" ފުލުހުން ބުންޏެވެ.

އެ އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ 23 ދިރިހެނުންނާއި 18 އަހަރު ނުފުރޭ ތިން ފިރިހެން ކުދިންނާއި އަންހެން މީހެކެވެ. ތިން ފިރިހެން ކުދިންގެ އާއިލާތަކާ އެ ކުދިން ހަވާލުކޮށްފައިވާއިރު، އަންހެން މީހާ އާއި އިތުރު ހަތަރު ފިރިހެނަކު މައްސަލައާ ގުޅުމެއް ނެތް ކަން ފާހަވަގެން ދޫކޮށްލާފައިވެ އެވެ. މިހާރު ފުލުހުންގެ ބަންދުގައި ތިބީ 19 މީހެކެވެ.