ހަބަރު

އެއްވުމުން ހައްޔަރު ކުރީ 27 މީހުން، ބަންދުގައި ތިބީ 19 މީހުން

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ މައްސަލާގެ ތުހުމަތު އޮތް ބައްޕަ އިއްޔެ ހުރި ހުޅުމާލޭގެ ފްލެޓް ކައިރީ އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން 27 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފްލެޓް 109 ކައިރީ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އަންހެނަކާއި 23 ފިރިހެނުންގެ އިތުރުން ތިން ކުޑަކުދިން ކަމަށެވެ.

އޭގެ ތެރޭ ހިމެނުނު ތިން ކުދިން ރޭ ވަނީ އާއިލާތަކޖާ ހަވާލު ކޮށްފަ އެވެ. އަންހެން މީހާ އާއި އިތުރު ތިން ފިރިހެނަކު ވެސް މައްސަލައާ ގުޅުމެއް ނެތް ކަން ފާހަގަވުމުން ދޫކޮށްލީ އެވެ. ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ 19 މީހެކެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހިމެނޭ ބައްޕަ ވަން ފްލެޓް ކައިރިއަށް އިއްޔެ ހަވީރު އާންމުން އެއްވެ މުޒާހަރާއެއް ކުރި އެވެ. އެ މުޒާހަރާގެ ތެރޭގައި ބައެއް މީހުން ފްލެޓްގެ ބައެއް ބިއްލޫރި ދޮރުތަކަށް ގާ އުކާ ހަލާކު ކޮށްލާފައިވެ އެވެ. އަދި އެކަކު އެއްލި ގާ ބުރިއަކުން ޖެހި ފުލުހަކަށް އަނިޔާވި އެވެ.