އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ހުޅުމާލޭގައި އިއްޔެ ހަމަނުޖެހުން ހިންގި މައްސަލައިގެ ތަހުގީގު އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށާއި ބަލަންޖެހޭ ހުރިހާ ދިމާއެއް އެ މައްސަލާގައި ބަލަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ޖުމުލަ 41 ބިދޭސީންނެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށާއި އެހެންކަމުން މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތު ދެވެން އޮތް މިންވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. ތަހުގީގު ދިޔަ ވަރަކުން ބަލަން ޖެހޭ ހުރިހާ ކަމެއް ވެސް ބެލިގެން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބިދޭސީން ހަމަނުޖެހުން ހިންގި މައްސަލާގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ބިދޭސީން މަސައްކަތް ކުރަމުން ދިޔަ ކުންފުނިން އެ މީހުންނަށް މުސާރަ ނުދިން މައްސަލަ ބެލިގެން ނުދާ ކަމަށް ބުނެ އާންމުންގެ ތެރެއިން ބައެއް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރެވެމުންނެވެ.
ގިނަ އަދަދެއްގެ ބިދޭސީންތަކެއް އިއްޔެ ހުޅުމާލޭގައި ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތް ފެށުމުން ފުލުހުންނާ ދިމާލަށް ބިދޭސީން ވަނީ ގާ އުކާފަ އެވެ. އެކަމުގެ ސަބަބުން ފުލުހުންނަށް އަނިޔާވެ ވެހިކަލަށް ގެއްލުން ލިބިފައިވެ އެވެ.
ބިދޭސީންގެ މި މުޒާހަރާތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިއްޔެ ވިދާޅުވެފައިވަނީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމަކަށް ބިދޭސީން ލައްވައި ކުރުވަމުން ގެންދާ ކަމެއް ކަމަށެވެ. އެއީ ސީދާ ކޮން ބަޔެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެއީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތިލަފުށީގައި ވަރަށް ބޮޑު މުޒާހަރާއެއް ބިދޭސީން ކޮށްފައިވަނިކޮށް، ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ފަހުން މާލޭ އާޓިފިޝަލް ބީޗްގައި ވެސް ބިދޭސީންތަކެއް މުޒާހަރާއެއް ކުރި އެވެ.