އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: ކުޅުދުއްފުށީގެ މޭޔަރު ކަމަށް ދެ ބޭފުޅުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ކުރިމަތިލީ ދެ ބޭފުޅަކު ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެކަމަކު އޭގެ ފަހުން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ކަނޑައަޅައި، ސިޓީގެ ދާއިރާތައް ކަނޑައެޅުމުން، ސިޓީގެ ގޮނޑިތަކުގެ ޓިކެޓް ހޯދަން އެމްޑީޕީން ހުޅުވާލީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީން މިއަދު ބުނި ގޮތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ކުރިމަތިލާފައި ވަނީ ދެ ބޭފުޅުންނަކީ ކުޅުދުއްފުށި، ހިލްމަން، މުހައްމަދު އާތިފް އަދި ކުޅުދުއްފުށި މާވިނަ، އަހުމަދު އާތިފް އެވެ. އެ ގޮތުން އަހްމަދު އާތިފަކީ މިހާރު ވެސް ހދ. އަތޮޅު ކައުންސިލްގައި ކުޅުދުއްފުށި ދެކުނު ދާއިރާ ތަމްސީލު ކުރައްވާ މެންބަރެވެ. އަތޮޅު ކައުންސިލް މެންބަރު ކަން އާތިފް އަދާ ކުރައްވާ މިއީ ދެވަނަ ދައުރެވެ.

ކުޅުދުއްފުށި ސިޓީން އިންތިހާބު ކުރާ ހަ ދާއިރާގެ ގޮނޑިއަށް 16 މީހަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ފިޔަވައި އެހެން ގޮނޑިތަކަށް ވަނީ ދެ މީހުނަށް ވުރެ ގިނައިން ކުރިމަތިލައިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅަކު ވާދަކުރައްވާއިރު، މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ހަތް ބޭފުޅުންނެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ބޭފުޅުން ވާދަކުރައްވާއިރު، ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ. މުޅި ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށާއި އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވާދަ ކުރައްވަ އެވެ. މާލޭގެ މޭޔަރު ކަމަށް މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އާއި، މެންބަރު އަހްމަދު ނިޔާޒް އާއި، ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ވާދަ ކުރައްވަ އެވެ. އައްޑޫގެ މޭޔަރު ކަމަށް މޭޔަރު އަބްދުﷲ ސޯދިގު އާއި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވާދަކުރައްވަ އެވެ.