ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހިމެނޭ ހުރިހާ އެންމެނަށް އިސްލާމް ދީނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަނޑުހުޅުދޫ ކައުންސިލުން ގޮވާލައިފި އެވެ.
އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ގޯނާގެ އެ މައްސަލަ ކައުންސިލްގެ ސަމާލު ކަމަށް ގެންދިޔައީ މި މަހުގެ 16 ވަނަ ދުވަހު އާންމުންގެ ފަރާތުން ކަމަށާ އެ މައުލޫމާތު ލިބުމާއެކު އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާއި ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު ކަނޑުހުޅުދޫ ޕޮލިސް ޑެސްކާއި އެ މައްސަލަ ހިއްސާ ކޮށްފައިވާ ކަމަށެވެ.
"... މި އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ އެންމެހާ އެހީތެރިކަން މި ކައުންސިލުން ފޯރުކޮށްދީފައިވާނެ ކަމުގައި ދަންނަވަން. އަދި މި މައްސަލައާއި ގުޅިގެން ކައުންސިލުން ވަނީ ފުލުހުންގެ އިސްފަރާތްތަކާއި ބައްދަލުކޮށް މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައި." އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ތިން މެންބަރުން ސޮއި ކުރައްވާ ނެރެފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަނިޔާވެރި އެ އަމަލަކީ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ކަމުން އެކަމުގައި ބައިވެރިވި ފަރާތްތަކަށް ދީނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
".. އަދި މިރަށު [ކަނޑުހުޅުދޫ] ގައި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މި ކައުންސިލުން ފަސްނުޖެހި ދެމިތިބޭނެ ވާހަކަ ދަންނަވަން."
ކުޑަ ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލާގައި ކުއްޖާގެ ކާފަ އިތުރުން މުނި ކާފަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.