ހަބަރު

ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ތިބީ ނުވަ މީހުން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު އޮތް އެކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭގެ ފްލެޓް ކައިރީ ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން، މިހާރު ތިބީ ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިއަ ހުކުރު ދުވަހު ހުޅުމާލޭ 109 ނަންބަރު ފްލެޓް ކައިރީގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ތިން ކުޑަ ކުދިންނާއި އަންހެނަކާއި 23 ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނުނު ތިން ކުދިން ހައްޔަރު ރޭ އާއިލާތަކާ ހަވާލު ކުރި އެވެ. އަންހެން މީހާ އާއި އިތުރު ތިން ފިރިހެނަކު ވެސް މައްސަލައާ ގުޅުމެއް ނެތް ކަން ފާހަގަ ވުމުން އެ ރޭ ދޫކޮށްލި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އާއި ހަމަޔަށް ތިބި 19 މީހުންގެ ތެރެއިން 10 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ނުވަ މީހުން ކަމަށެވެ.

ކަނޑުހުޅުދޫ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު އޮތް، އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީ ހުކުރު ދުވަހު ހަވީރު އާންމުން ކުރި މުޒާހަރާގެ ތެރޭގައި ބައެއް މީހުން ގާ އުކާ އެ ފްލެޓްގެ ބައެއް ބިއްލޫރި ދޮރުތަކަށް ގެއްލުން ދިނެވެ. އަދި އެ ހާދިސާގެ ތެރޭގައި ފުލުހުންނާއި އާންމުންނަށް އަނިޔާވެފައި ވެއެވެ.