ބ. ތުޅާދޫގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ވެސް މިރޭ ހައްޔަރު ކޮށްފި އެވެ.
ބާރަ އަހަރުން ދަށުގެ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ފަހު އެ މައްސަލަ ފެންމަތިވުމުން އެމީހާ ވަނީ ރަށް ދޫކޮށް މާލެ އައިސްފަ އެވެ. މިރޭ ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް މާލެ އިންނެވެ.
އަނިޔާ ލިބުނު ކުއްޖާގެ އާއިލާ މެންބަރަކު ބުނީ އެ އާއިލާއިން ހުށައެޅި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އަވަސްއިން ގުޅުމުން އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ތުޅާދޫގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރު ކޮށްފައިވާއިރު، ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ވެސް މިރޭ މީހަކު ހައްޔަރު ކޮށްފައި ވެއެވެ.
ފުލުހުން ބުނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އުމުރުން ފަސް އަަހަރުގެ ކުއްޖަކަށް އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނެއް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅި ކަމަށެވެ.
ފުލުހުންނާއި، ޖެންޑާގެ ޓީމެއް މިއަދު ވަނީ އެ ރަށައް ގޮސްފައެވެ. އަދި އެކުއްޖާގެ އާއިލާގެ ބަޔާންތަކެއް ވެސް ވަނީ ނަގާފަ އެވެ.
ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް 56 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ މިރޭގަ އެވެ. އަދި އޭނާ އެހެން ރަށަކަށް ގެންދަން ފުލުހުންގެ ލޯންޗަކަށް މިރޭ ވަނީ އަރުވާފަ އެވެ.
ފަސް އަަހަރުގެ ކުއްޖާގެ އިތުރުން އޭނާގެ ޖިންސީ ޝިކާރައަކަށް އެ ރަށުގެ އެހެން ކުއްޖަކު ވެސް ވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.