ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަގެ އަންހެނުން އަދި ކުޑަ ކުއްޖާގެ މާމަ އަދާކުރަމުންދިޔަ ވަޒީފާއިން ސަަސްޕެންޑް ކޮށްފި އެވެ.
ތުއްތު ކުއްޖާގެ މާމަ ވަޒީފާ އަދާކުރަމުން ގެންދިޔައީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައެވެ. އޭނާ އެ ތަނުގައި ވަޒީފާ އަދާކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ހުޅުމާލޭގައި ދިރިއުޅެމުންދާ އެ މީހާ ހާދިސާ ހިނގިއިރު ރަށުގައިވެސް ނެތެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުޅުމާލެ ފިޔަވަތީގައި މަސައްކަތް ކުރަމުންދާ އަންހެނަކު ވަޒީފާއިން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނެވެ.
އުމުރުން އެއް އަހަރާ ނުވަ މަހުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކަނޑުހުޅުދޫއިން ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ކާފައެވެ. މުނިކާފައަކީވެސް އެކަމުގެ ރެކޯޑް އޮތް މީހެކެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތަށެވެ.