ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށްދާ ފެރީ ދޯނި ފަހަރަށް މީހުން އަރާ ފޭބުން، އެއާޕޯޓްގެ ޓެކްސީ ކިޔޫ މިހާރު އޮންނަ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ފެރީން ދަތުރު ކުރާ ފަސިންޖަރުން އަރާ ފައިބަން ގެނައި މި ބަދަލާއެކު ފަސިންޖަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
"ކުރިން ވޯޓަ ފްރަންޓް ރެސްޓޯރެންޓް ކައިރިން ފެރީތައް ފުރަނީ، މިހާރު ފެރީތައް މޫވް މިކުރީ ޓެކްސީ ކިޔޫ އޮންނަ ސަރަހައްދުން ފުރާ ގޮތަށް،" ހަސަން ވިދާޅުވި އެވެ.
ފެރީތައް ޓެކްސީ ކިޔޫ މިހާރު އޮންނަ ސަރަހައްދު ފުރަން ހަމަޖެއްސިއިރު، އެ ސަރަހައްދު މިހާރު ވެސް އޮންނަނީ ފުރި ބާރުވެފަ އެވެ. އޭގެ ސަބަބުން ޓޫރިސްޓުންނާއެކު އާއްމުންނަށް ވެސް ދަތިތަކާ ކުރިމަތިވެ އެވެ.
ނަމަވެސް، އެމްއޭސީއެލް ބުނީ ފެރީތައް ފުރުން އެ ސަރަހައްދަށް ބަދަލު ކުރުމުން އެ ސަރަހައްދުގައި މިހާރު އޮންނަ ލޯޑު ކުޑަ ވެގެން ދާނެ ކަމަށެވެ.
"ކުރިން ވާގޮތަކީ ނުދެވި ލަސްވެގެން ކިޔޫ ބޮޑު ވަނީ. އެކަމަކު މިހާރު ފަސިންޖަރުންނަށް މި ދެނީ ޗޮއިސްއެއް. މަޑުނުކޮށް ފެރީގައި މާލެ ދާން،" ހަސަން ވިދާޅުވި އެވެ.
ލޯންޗް ތަކަށް ހާއްސަ ސަރަހައްދެއް
އޭނާ ވިދާޅުވީ މި ބަދަލާއެކު ވޯޓަ ފްރަންޓް ރެސްޓޯރެންޓް ކައިރި ހުސް ވެގެންދާނެ ކަމަށާ، އެހެންކަމުން، އެ ސަރަހައްދު ލޯންޗް ފަހަރަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.
"ފަސިންޖަރުންގެ ކޮންވީނިއަންޓަށް މި ބަދަލު ވެސް މި ގެނައީ. އަޅުގަނޑުމެން އެދެނީ ގެސްޓުންނާއެކު ރިސޯޓުތަކުންނާއި އެހެނިހެން ތަންތަނުން އަންނަ ލޯންޗު ފަހަރު ވޯޓާ ފްރަންޓް ރެސްޓޯރެންޓު ކައިރިއިން ފަސިންޖަރުން އަރުވާ ބާލަން،" ހަސަން ވިދާޅުވި އެވެ.
ވީއައިއޭގައި ދޭ ހިދުމަތް ތަކަށް ބަދަލު ގެންނަމުންދާއިރު އެއާޕޯޓަށް ޖާގައިގެ ދަތިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އެއާޕޯޓުގެ ޓްރެފިކް މޫވްމެންޓް މަތިވުމުގެ ސަބަބުން ފްލައިޓުތައް ޑިލޭވުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.