ސެވިއްޔާ

ލަނޑެއް ނޫންނަމަ ސެވިއްޔާގެ ޓީމު ދަނޑުން ބާލާނަން

ސްޕެނިޝް ލީގްގައި ރޭ ރެއާލް މެޑްރިޑް ކޮޅަށް ދެ ވަނަ ހާފުގައި ސެވިއްޔާއިން ޖެހި ގޯލް އެއީ ލަނޑެއް ނޫން ކަމަށް ނިންމިނަމަ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އޭނާގެ ޓީމު ދަނޑުން ބާލާނެ ކަމަށް ސެވިއްޔާގެ ސްޕޯޓިން ޑައިރެކްޓާ ރޯމަން ރޮޑްރިގޭޒް (މޮންޗީ) ބުނެފި އެވެ.

ރޭގެ މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 2-1 ންނެވެ. ރެއާލްގެ ކާލޯސް ކަސަމީރޯ މެޗުގެ 57 ވަނަ މިނެޓްގައި ލަނޑު ޖަހައި ލީޑް ނަގައި ދީފައި ވަނިކޮށް ސެވިއްޔާގެ ލޫކް ޑިޔޯންގް ވަނީ ލަނޑު ޖަހައި ސެވިއްޔާއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ޑިޔޯންގް ޖެހި ލަނޑާމެދު ސުވާލު އުފެދި އެއީ ލަނޑެއް ކަމަށް ނިންމުމަށް ކުޑަކުޑަ ވަގުތު ކޮޅެއް ހޭދަވީ ރެއާލްގެ އޭރިއާގެ ތެރެއަށް ވެއްޓުނު ސެވިއްޔާގެ މުނީރު އަލް ހައްދާދީ އަތުގައި ބޯޅައިން ޖެހުމުން. ރެއާލް މެޑްރިޑްވެސް ވަނީ އެކަން އެޕީލް ކޮށްފަ އެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ސުވާލު އުފެދޭނެ ޖަގައެއް ނެތް ކަމަށެވެ.

ފުރަތަމަ ހާފުގައި އެވާ ބެނާގާ ނެގި ހުރަސް ޑިޔޯންގް ވަނީ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ. އެހެންނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން ސެވިއްޔާގެ ހުއާން މާޓިނޭޒް މެނިއާ ވަނީ، ރެއާލްގެ ޑިފެންޑަރު އެޑާ މިލްޓާއޯ އަށް ފައުލު ކޮށްފަ އެވެ. އެހެންވެ ރެފްރީ ނިންމީ އެފަހަރު ލަނޑެއް ނޫން ކަމަށެވެ. ސެވިއޔާގެ ކޯޗް ހުލެން ލޮޕެޓެގީ އާއި އެޓީމުގެ އޮފިޝަލުން އެކަމާ ހިތްހަމަ ނުޖެހުންވެސް ފާޅު ކުރި އެވެ.

މޮންޗީ ބުނީ، އެއީ އާންމުކޮށް މެޗުތަކުގައި ހިނގާ ކަމެއް ކަމަށާއި ޓެކްޓިކަލީ އަދި ޓެކްނިކަލީވެސް އިތުރަށް އެނަލައިސް ކުރަން ޖެހޭ ކަމެއް އެކަމުގައި ނެތް ކަމަށެވެ.

"އަހަރެން ދެކޮޅު ހަދަން މެޗު ކުޅެމުން ދަނިކޮށް ޓެކްޓިކަލީ އަދި ޓެކްނިކަލީ އެކަން ރިވިއު ކުރުމަށް، ސަބަބަކީ އެވަގުތަކީ މެޗުގެ ވަރަށް މުހިންމު ވަގުތެއް،" ފުރަތަމަ ހާފުގައި ޖެހި ގޯލަށް އިޝާރާތްކޮށް މޮންޗީ ވާހަކަ ދެއްކި އެވެ. "އެނަޒަރުން ވިސްނާނަމަ މެޗު އެނަލައިސް ކުރުމަކީ ބޭނުން ކަމެއް ނޫން."

"(ޑިޔޯންގް ޖެހި ދެ ވަނަ ގޯލް) އެއީ ލަނޑެއް ނޫން ކަމަށް ނިންމި ނަމަ އަހަރެން ދަނޑަށް އަރައި ޓީމު ދަނޑުން ބާލާނަން."

ސެވއިްޔާގެ ކޯޗް ލެޕޮޓެގީ ބުނީ، ޑިޔޯންގް ޖެހި ފުރަތަމަ ގޯލް ބަލައި ނުގަތުމަކީ މެޗުގައި ރެފްރީން ހެދި ގޯހެއް ކަމަށެވެ. މޮންޗީގެ ވާހަކަތަކަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ ރައްދު ދީފަ އެވެ. އޭނާ ބުނީ މޮންޗީއަށް އޭނާ ބޭނުންވާ ހިޔާލެއް ފާޅު ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ފުރަތަމަ ގޯލްގައި ފައުލު ކޮށްފައިވާ ކަމަށެވެ. އަދި ދެ ވަނަ ގޯލްގައި ހައްދާދީ އަތުގައި ބޯޅައިން ޖެހުމުން ޒިދާން ވަނި އެކަންވެސް ފާހަގަ ކޮށްފަ އެވެ.

ރެއާލް މޮޅުކޮށް ދިން ލަނޑުވެސް ކާމިޔާބު ކުރީ ކަސަމީރޯ އެވެ. ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ އެއިބާ އަތުން 2-0 ން ބަލިވެފަ އެވެ. އެއިބާގެ ލަނޑުތައް ކާމިޔާބު ކުރީ އެސްޓަބަން ބުރުގޯސް އާއި އެޑޫ އެކްސްޕޮސިޓޯ އެވެ.