ޖިންސީ ގޯނާ

5 އަހަރުގެ ކުއްޖާއާ ބެހުނު މީހާގެ ބަންދަށް 15 ދުވަސް

Jan 19, 2020

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަަންދަށް 15 ދުވަސް ޖަހައިފި އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާމެދު މުޅި ގައުމު ކަންބޮޑުވެފައިވަނިކޮށް ފެންމަތިވި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުންނާއި، ޖެންޑާގެ ޓީމެއް އިއްޔެ ވަނީ އެ ރަށައް ގޮސްފަ އެވެ. އަދި އެ ކުއްޖާގެ އާއިލާގެ ބަޔާންތަކެއް ވެސް ވަނީ ނަގާފަ އެވެ.

ހައްޔަރުކޮށްފައިވާ 56 އަހަރުގެ މީހާގެ ޝިކާރައަކަށް ފަސް އަހަރުގެ ކުއްޖާގެ އިތުރުން އެހެން ކުއްޖަކު ވެސް މީގެކުރިން ވެފައިވާ ކަމަށްވެ އެވެ.

މި މައްސަލަ ފެންމަތިވީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ ކަމަށްވެ އެވެ. މި މައްސަލަ ފަޅާއަރުވާލީ އެ ކުއްޖާ ފެންވަރުވަން އެ ގެއަށް ދިޔަ ކުއްޖާގެ ބޮޑުދައިތަ އެވެ.