ހަބަރު

މިސްރުން އަރަބިއްޔާއަށް ފޮތް ހަދިޔާކޮށްފި

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ރާއްޖޭގެ އަރަބިއްޔާ ސްކޫލަށް ފޮތް ހަދިޔާ ކޮށްފި އެވެ.

އަރަބި ޓެކްސްޓް ފޮތްތަކާއި ހަވާލުވެ ވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮތްތައް ހަވާލުކޮށް ދެއްވީ މިސްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހަރްތީ އެވެ.

މިއަދު ހަދިޔާ ކުރި އަރަބި ޓެކްސްޓް ފޮތްތަކުގެ އަދަދެއް ނުބުނެ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މިސްރަކީ އަބަދުވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވެދެއްވާ ގައުމެއް ކަމަށާއި އަޒްހަރު ޔުނިވަސިޓީއަކީ ވެސް ރާއްޖޭގެ ކުރިއެރުމަށް ގިނަ އެހީތަކެއް ވެދޭ ޔުނިވާސިޓީއެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނ މިސްރަކީ ރާއްޖޭގެ އިޖްތިމާއީ ތަރައްގީއަށް ވެސް ބޮޑެތި އެހީ ފޯރުކޮށްދޭ ގައުމެއް ކަމަށާއި، އަޒްހަރުން ރާއްޖޭގެ އަރަބި މީޑިއަމް ސްކޫލްތަކަށް ޓެކްސްޓް ފޮތާއި ޓީޗަރުންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.