ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރުގެ ތަހުގީގަށް މުއްދަތު އިތުރުކޮށްދީފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދިނީ މަރާލި މައްސަލައިގެ ތަހުގީގު ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފި އެވެ.

ޖިނާއީ އިިޖުރައާތުގެ ގާނޫނުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާގެ ބަންދާމެދު ކޯޓުން ގޮތް ނިންމާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން ޖެހޭއެވެ.

ގާސިމްގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ މިދިޔަ މަހުގެ 20 ވަަނަ ދުވަހުއެވެ. އެހެން ކަމުން ޖިނާއީ އިިޖުރައާތުގެ ގާނޫނުގައި ބުނެފައިވާ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

ނަމަވެސް ގާސިމްގެ މަރާ ގުޅިގެން ފުލުުހުން ފަށާފައިވާ ތަހުގީގު އަދި ނިންމާލެވިފައެއް ނުވެއެވެ. ޕީޖީ އޮފީހުން މިހާރު ވަނީ ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އިތުރުކޮށްދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިންމޭނަމަ ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދެވެއެވެ. އަދި ޕީޖީ އޮފީހަށް އެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ދީފައިވެއެވެ.

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގާސިމް ހަސަން މަރާލި ކަމަށް އަދްހަމް އެއްބަސްވެފައިވާ ކަމަށާ އެ ވާހަކަަތައް ފުލުހުންގެ ތަހުގީގުގެ އިތުރުން ކޯޓްގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. އަދި އަދްހަމްގެ އަމިއްލަ އިއުތިރާފުގެ އިތުރުން ފުލުހުންގެ ތަހުގީގުންވެސް މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ.

"ގާސިމް ހަސަން މަރާލާފައިވާ މައްްސަލައިގައި އަދުހަމް ހައްޔަރުކުރެވިފައިވަނީ، ތަހުގީގަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ކޮޅާ ހިސާބަށް ދެވި، އެ ހުރިހާ މައުލޫމާތުތައް ކަށަވަރުކޮށް ބެލި ބެލުމުން މި ހާދިސާއަކީ ސީދާ ގާސިމް ހަސަންއަށް ޓާގެޓް ކުރެވިގެން ހިންގާފައިވާ ހާދިސާއެއްކަމަށް ބެލުމުގެ ފުރުސަތު ހަނިވެފައިވުމާއެކު، މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށްޓަކައި ފޭރުމާ، މަސްތުވާތަކެއްޗާއި އަނިޔާވެރި އަމަލުތަކުގެ ކުށުގެ ރެކޯޑްސް އޮންނަ ފަރާތްތަކަށް ފޯކަސް ކުރެވިގެން ކުރެވުނު ހާއްސަ މަސައްކަތްތަކުގެ ތެރެއިން." ޑިސެންބަރު 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނެފައިވެއެވެ.