ޖިންސީ ގޯނާ

އަނިޔާ ލިބުނު ކުއްޖާ ގެއަށް ދޫކޮށްލައިފި

ކާފަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު، ކަނޑުހުޅުދޫ ކުޑަކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ކުއްޖާގެ އާއިލާއިން މިއަދު ބުނީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ކުއްޖާ ދޫކޮށްލާފައިވަނީ ގިނަ ޓެސްޓްތަކެއް ހަދާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ. ކުއްޖާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީއާއި، ފުލުހުންވެސް ވަކި އެއްޗެއް ނުބުނެއެވެ. އަދި އައިޖީއެމް ހޮސްޕިޓަލުންވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ކުއްޖާގެ އާއިލާގެ މެންބަރަކު ބުނީ އެ ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާއި މެދު ޑޮކްޓަރުންވެސް ތިބީ ހައިރާންވެފައިވާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކާފައެވެ. ބައްޕަ ހައްޔަރުކުރީ އިހުމާލުގެ ސަަބަބުންނެވެ. އަދި މުނިކާފަ ހައްޔަރުކޮށްފައިވަނީ ޖިންސީ ގޯނާގެ ރެކޯޑް އޮތުމުންނެވެ.

ފުލުހުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި، އަނިޔާ ލިބުނު ކުޑަކުއްޖާއައި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ. އެ މައްސަލާގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ، އުމުރުން 62 އަަހަރުގެ މީހާ، ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ހުށައަޅާފައިވާ މައްސަލާގައި އެ ކުއްޖާގެ މުނިކާފަ، އުމުރުން 82 އަަހަރުގެ މީހާއަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑްސް އޮންނަ މީހަކަށްވާތީއާއި، ކުއްޖާގެ މައިންބަފައިނަކީވެސް ކުށުގެ ރެކޯޑްސް އޮންނަ ބަޔަކަށްވާތީ، އަދި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ، އެ ހާލަތުގައި އެ ކުއްޖާ ދިރިއުޅެމުންދިޔަ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާ މަންމައާއި ހަވާލުކުރުމަށް މަސައްކަތް ކުރުުމުން އެ ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ދީފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ހުށައެޅުމާއެކު އެދުވަހުގެ 19:30 އެހާކަންހާއިރު ކުއްޖާ އުޅެމުންދިޔަ މާހައުލަަށް ޖެންޑާ މިނިސްޓްރީގެ ކޭސް ކޯވަރުންނާއި، ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށްފަހު މެޑިކަލް އެސެސްމަންޓް ހެދުމަށްޓަކައި އެރޭ ސަރަހައްދީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަަށްޓަަކައި ކުއްޖާގެ އާއިލާގެ ފަރާތު ބޮޑުދައިތައަކާއި ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށެވެ.

"އަދި ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެ ކުއްޖާގެ މާމަ ކަމަށްވުމާއި، މާމައާ ކުއްޖާ ހަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަން ކުުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވޭ." އިއްޔެ ފުލުހުންނާއި ޖެންޑާ ގުޅިގެން ނެރެފައިވާ ބަޔާނުގައިވެއެވެ.