ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 80 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ ކުއްޖާއާ އެމީހާ ބެހުނު ކަމުގެ ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ރިޕޯޓާ ގުޅިގެން 80 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ މިއަދު އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ސައުތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަށްޑިހަ އަހަރުގެ ދުވަސްވީ މީހަކު މިއަދު ހައްޔަރުކުރީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ ކަމަށްވެ އެވެ. މި މައްސަލަ ފަޅާއަރުވާލީ އެ ކުއްޖާ ފެންވަރުވަން އެ ގެއަށް ދިޔަ ކުއްޖާގެ ބޮޑުދައިތަ އެވެ.