ދުނިޔެ

ވުހާން ވައިރަސް ޗައިނާގެ އިތުރު ސިޓީތަކަށް ފެތުރެނީ

Jan 20, 2020
1

ބެއިޖިންގް (ޖެނުއަރީ 20) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވަރަށް ބާރު މިނުގައި ފެތުރެމުންދާ ކަމަށް ޗައިނާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވުހާން ސިޓީން ފެނުނު ވައިރަސް މިހާތަނަށް 45 މީހަކަށް ޖެހިފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނި ނަމަވެސް، އެ އަދަދު 1،500 އަށް ވުރެ ގިނަ ވާނެކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފަ އެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ޖަމިއްޔާއަކުން އެގޮތަށް ބުނެފައިވަނިކޮށް، މިދިޔަ ޑިސެމްބަރު މަހު ވުހާން ސިޓީން ފެނުނު ވައިރަސް މިހާރު ވެރިރަށް ބެއިޖިންގެ އިތުރުން، ޝެންޒެން އިން ފެނިފައިވާ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ފާއިތުވި ދެ ދުވަހުގެ ތެރޭގައި 139 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވާ ކަމަށް ވެސް އިތުރަށް ބުންޏެވެ.

ވުހާންގެ ނަމުން ނަން ދީފައިވާ ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 200 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ތިން މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އިއްޔެ އިން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.

ޗައިނާގެ މެދުތެރޭގެ ހިސާބުތަކުގައި ފެތުރެމުންދާ ވައިރަލް ހުމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ނޫން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގައި ފެތުރެމުން ދަނީ ކޮން ބާވަތެއްގެ ރޯގާއެއްތޯ ބަލަން ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ ބަލި އިންސާނުން ގައިންގަޔަން ނުޖެހޭ ކަމަށެވެ. އަދި ބަލި ޖެހިފައި ވަނީ ސިޓީގެ ސީފުޑް މާކެޓުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ސާސް ރޯގާ 2002 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ދެކުނު ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.