ހަބަރު

ވިލާގެ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމް ފަށަނީ

ސްކޫލް ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހިންގާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ގެ މި އަހަރުގެ ކޯހުގައި ބައިވެރި ވުމަށް އިއުލާން ކޮށްފި އެވެ.

މި ޕްރޮގްރާމަކީ ޔުނިވާސަލް ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގޭ ޕްރޮގްރާމެކެވެ. މި އަހަރު ފަށާ ކޯހުގެ އެއްބަސްވުމުގައި ޔުނިވާސަލް އާއި ވިލާ އިން ވަނީ އިއްޔެ ސޮއިފަ އެވެ. އަދި މިހާރު ވަނީ އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ރަސްމިއްޔާތުގައި ވިލާ އިން ބުނީ، މި ކޯހުގައި ކިޔަވައިދޭނީ ފަތުރުވެރިކަމުގެ މުހިއްމު ދާއިރާތައް ކަމަށްވާ ފްރޮންޓް އޮފީސް އާއި ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސާވިސަސް ކަމަށެވެ. ކޯހުގައި 20 ޕަސެންޓު ތިއަރީ އަދި 80 ޕަސެންޓު ޕްރެކްޓިކަލް ބައިތައް ހުންނަ އިރު ތިއަރީ ކްލާސްތައް ކޮލެޖުގައި އަދި އަމަލީ ތަމްރީނުތައް ކުރިއަށް ގެންދަނީ ޔުނިވާސަލްގެ ރިސޯޓްތަކުގަ އެވެ. އިންޓާންޝިޕްގައި މަހަކު 3000 ރުފިޔާ ކޮންމެ ބައިވެރިއަކަށް ތަމްރީނު ހޯދާ ރިސޯޓުން ދޭނެ ކަމަށްވެސް ބުންޏެވެ.

ކޯހުގެ ހުރިހާ ހަރަދެއް ކުރަނީ ޔުނިވާސަލް އިންނެވެ.

ހޮސްޕިޓާލިޓީ ޕްރޮގްރާމުގެ މި ކޯހަށް އަންނަ މަހު 22 ގެ ކުރިން އެޕްލިކޭޝަން ފޯމުތައް ބަލައިގަނެ އެވެ. ފޯމުތައް ވިލާކޮލެޖަށް ނުވަތަ ޔުނިވާސަލް އެންޓަޕްރައިސަސްގެ ހެޑް އޮފީހުންވެސް ބަލައިގަނެ އެވެ.

ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފެށީ 2017 ވަނަ އަހަރު އެވެ. އެގޮތުން، 2017 ވަނަ އަހަރު 15 ބައިވެރިން، އަދި 2018 ވަނަ އަހަރު 22 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވި އެވެ. އަދި މިދިޔަ އަހަރު 28 ބައިވެރިން ވަނީ ކޯސް ފުރިހަމަ ކޮށްފަ އެވެ. ކޯސް ނިންމި ދަރިވަރުންގެ ތެރެއިން 80 ޕަސެންޓަށްވުރެ ގިނަ ދަރިވަރުން ތިބީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށް ވިލާ އިން ބުނެ އެވެ.