ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އެންގެވި އެންގެވުމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ހަ ކަމެއް ކުރަން ކަމާބެހޭ މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ރޭ ވަނީ ބުނެފައެވެ.
މަޖިލީހުގެ އެ ނިންމެވުމާއި ގުޅޭގޮތުން ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބް ރައީސް ޖަމީލް ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ކަމަށެވެ. އަދި މަޖިލީހުގެ ބާރު އޮތީ ގާނުނުއަސާސީގެ 70 ވަނަ މާއްދާގައި ކަމަށް ވިދާޅުވެ، މަޖިލީހުން ބޭނުން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ އެންމެ އަސާސީ ކަންކަންވެސް ނޭނގޭ ބޭފުޅުން މަޖިލީހުގައި ތިއްބެވުމަކީ ލަދުވެތި އަދި ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"އަސާސީ ކަންކަންވެސް ނޭނގޭ ބޭފުޅުން ކައުންސިލަށް އެހެން ބަޔަކު ވާދަނުކުރަން ގޮވުމުން ހައިރާނެއް ނުވޭ." ޕީޕީއެމްގެ މެންބަރުން ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކޮށްފަ އެވެ. އެ ކޮމިޓީގައި މުއައްސަސާތަކުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ނިޒާމުގައި ހުރި ގިނަ މައްސަލަތައް ފާހަގަ ކޮށްފަ އެވެ.
ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި މުއައްސަސާތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ނިޒާމުގެ ތެރޭގައި އޮތް ހަ މައްސަލައެއް ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި އެއިން ކޮންމެ މައްސަލައެއް ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށް ކޮމިޓީގައި މަޝްވަރާ ކުރި އެވެ.
ކޮމިޓީން ނިންމި ފުރަތަމަ ކަމަކީ ހެއްކާ ބެހޭ ދެ ބިލެއް ކަމުގައިވާ ވިޓްނަސް ޕްރޮޓެކްޝަން ބިލާއި އެޑިވެންސް ޕްރޮޓެކްޝަން ބިލް ވީހާ ވެސް އަވަހާ އެކުލަވަލާއި މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް އެންގުމަށެވެ. ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ އެ ދެ ބިލުގައި ހެކިބަސް ދޭ މީހުނަށް ދޭން ޖެހޭ ރައްކާތެރިކަން ބަޔާން ކުރުން ހިމަނަން ޖެހޭ ކަމަށް މެންބަރުން ފާހަގަ ކުރެއްވި އެވެ.
ދެވަނަ މައްސަލައަކަށް މެންބަރުން ފާހަގަ ކުރެއްވީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމެވެ. އެހެންކަމުން މުއައްސަސާތައް ގުޅިގެން ޗައިލް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން އެކުލަވާލައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާ ވިއުގައަކަށް އެ ޑޭޓާބޭސް ހެދުމަށް ކޮމިޓީން ނިންމި އެވެ. އަދި އެ ޑޭޓާބޭސް އެކުލަވާލުމަށް އެއް މަސް ދުވަހުގެ މުހުލަތެއް މުއައްސަސާތަކަށް ދިނުމަށް ކޮމިޓީން ނިންމި އެވެ.
ކޯޓުތަކުގައި މިފަދަ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ނިންމަން ޖެހޭނެ މުހުލަތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްތޯ މުއައްސަސާތަކާއެކު މަޝްވަރާކޮށް މުހުލަތެއް ކަނޑައެޅުމަށް ކޮމިޓީން ނިންމި އެވެ. އަދި ގަނޫނަކުން ކަނޑައަޅަން ޖެހޭނަމަ އެ އިސްލާހު މަޖިލީހަށް މުއައްސަސާތަކުން އަންގައިދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިހާރު ވެސް ދައުވާ އުފުލި ކޯޓުތަކުގައި މައްސަލަ އޮތް މީހުން ދޫވެފައި އޮތް މައްސަލަ ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ. އެ ގޮތަށް ކޯޓުތަކުގައި މައްސަލަ އޮތް މީހުން ފާހަގަކޮށް، އެ މީހުންގެ ދަފުތަރު އަލުން އެކުލަވާލައި އެ މީހުން މޮނިޓާ ކުރުމަށް މުއައްސަސާތަކަށް އަންގަން ކޮމިޓީން ނިންމި އެވެ.
ކުށުގެ ވެށީގައި އުޅޭ މައިންބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނާއި އެފަދަ ރިސްކްގައި އުޅޭ އާއިލާތައް ކަނޑައަޅާނެ ކްރައިޓީރިއަށް ޖެންޑާ މިނިސްޓްރީން ދެ ދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަން ނިންމި އެވެ. ހަތް ދުވަހުގެ ތެރޭގައި މިހާރު ހުރި ޑޭޓާއިން ފާހަގަވާ އާއިލާތައް މޮނިޓާކުރަން ފަށަން ނިންމި އެވެ. ތިރީސް ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ހުރި އެފަދަ އާއިލާތައް ހޯދައި އެ ހުރިހާ އާއިލާއެއް މޮނިޓާ ކުރަން ފަށަން އަންގަން ވެސް ނިންމި އެވެ.
މީގެ އިތުރަށް ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިންގެ ރައްކާތެރިކަމަށ މަސައްކަތް ކުރާ ޑިޕާޓްމަންޓްތަކާއި ސެންޓަރުތައް ހިނގަމުންދާ ގޮތުގެ އޮޑިޓެއް ހަދައި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ރިވިއު ކުރުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ޖެންޑާ މިނިސްޓްރީއަށް ދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ.