މި އަހަރު ރާއްޖޭގައި ބާއްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ބޮޑު ބައްދަލުވުމުގައި ބޭރުގެ 500 އަށްވުރެ ގިނަ ވިޔަފާރިވެރިން މިހާތަނަށް ބައިވެރިވެއްޖެ އެވެ.
އޭޝިއާ އާއި ފެސިފިކް ގައުމުގެތަކުގެ ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު ބައްދަލުވުން އިޕޮޕްކާ 2020 އޮންނާނީ މިއަހަރުގެ ޖޫން 28 ވަނަ ދުވަހު އެވެ. މި ކޮންވެންޝަން ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނީ އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) އެ ޖަމިއްޔާގެ 45 ވަނަ ރައީސުގެ ގޮތުގައި އިންތިހާބު ކުރުމާ ގުޅިގެންނެވެ.
އިފޮޕްކާގެ ރައީސްގެ މަގާމަށް ޖަނާ ހޮވުމާ ގުޅިގެން އޭނާ ވަނީ އެ ޖަމިއްޔާގެ މެންބަރު 20 ގައުމަކަށް ޒިޔާރަތް ކުރައްވާ ވިޔަފާރިވެރިންނާއި ވިޔަފާރިއާ ގުޅުން ހުރި ޖަމިއްޔާތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އަދި އޭޑީބީ އާއި ފިޑިން އާއި އައިއެމްއެފް ފަދަ ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލު ކުރައްވާފައިފައި ވެއެވެ. މީގެ އިތުރުން އެ ގައުމުތަކުގެ އިމާރާތް ކުރުމުގެ ދާއިރާގެ ބޮޑެތި ފެއާތައް ވެސް ޖަނާ ޝަރަފުވެރިކޮށް ދެއްވާފައިވެ އެވެ.
އެންމެ ފަހުން ޖަނާ ވަޑައިގެންފައިވަނީ ނޭޕާލްގެ ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ބައްދަލުވުމުގައި ނޭޕާލްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ނޭޕާލްގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އިސް ވެރިން ބައިވެވަޑައިގެންނެވި އެވެ.
ބައްދަލުވުން އޮންނާނީ ކްރޮސްރޯޑުގައި
ރާއްޖޭގައި ބާއްވާ ބައްދަލުވުމުގައި އެ ޖަމިއްޔާގެ 20 މެންބަރު ގައުމަކުން 512 ވިޔަފާރިވެރިން މިހާތަނަށް ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުން އޮންނާނީ ދަރުބާރުގެ އާއި އެނބޫދޫ ފަޅުގެ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ. މި ބޮޑު ބައްދަލުވުމުގައި އިންވެސްޓަރުންގެ ކޮންފަރެންސެއް ވެސް އޮންނާނެ އެވެ. އަދި މި އިވެންޓުގައި އިފޮޕްކާގައި ހިމެނޭ ގައުމުތަކުގެ އެންމެ ބޮޑެތި އިންވެސްޓަރުން ބައިވެރިވާނެ އެވެ.
ދިވެހި ކުންފުނިތަކަށް ފުރުސަތު
އިމާރާތް ކުރުމުގެ ދާއިރާގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިފޮޕްކާގެ މި ބޮޑު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް މިމަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
މި ބައްދަލުވުން ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އިންވެސްޓަރުންގެ އެންމެ ބޮޑު އެއް ބައްދަލުވުމަށެވެ. މި ބައްދަލުވުމަށް އަންނަނީ އިފޮޕްކާގެ މެންބަރު ކުންފުނިތަކުގެ އެންމެ އިސްވެރިންނެވެ. އެއީ ދުނިޔޭގެ އެކި ގައުމުތަކުގައި އިންވެސްޓްކޮށް އިމާރާތް ކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހިންގާ ފަރާތްތަކެވެ.