ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖަކު އެ ތަނުގައި އޭނާއަށް ކުރިމަތިވާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
މި ވީޑިއޯ އާންމުވެފައި މިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅިގެން ގައުމު ހޫނުވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއިން އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް ގިސްލަމުން އެ ކުއްޖާ، އެހެން ކުއްޖަކަށް ކިޔައިދޭ ވާހަކަތައް އަޑުވި އެވެ. ފަހަތުގައި އެހެން ކުދިންތަކެއް ކުޅޭ މަންޒަރު ވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ހިޔާގެ ތެރެ އެވެ.
އެއް މިނެޓްގެ އެ ވީޑިއޯގައި ކުއްޖާ ވަނީ އެ ތަނުގައި ކުދިން ބަލަހައްޓަން ތިބޭ މީހުންގެ ރުންކުރުކަމާއި އަޅާނުލާކަން ފާހަގަ ކޮށްފަ އެވެ. އަދި ރަނގަޅަށް ކާން ނުދޭ ކަމަށް ވެސް އެ ކުއްޖާ ބުނެ އެވެ. އެކަމުގެ ޝަކުވާ ކުރިޔަސް އެއްވެސް އަޅާލުމެއް އަދި ފިޔަވަޅެއް ނާޅާ ކަމަށް ގިސްލަމުން ވާހަކަ ދެއްކި ކުއްޖާ ބުނެ އެވެ.
ހިޔާގައި އުޅޭ ފިރިހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ބަސްތައް އަމާޒުވާ ކަމަށް ވެސް އެ ކުއްޖާ ބުނެ އެވެ. އެކަމާމެދު ވެސް އެއްވެސް ފިޔަވަޅެއް އަޅައިނުދޭ ކަމަށް ކުއްޖާ ބުނެ އެވެ.
ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެންމެ ރަނގަޅު އަޅާނުލުން ނުލިބޭ ކަމާއި އިހުމާލުވާ ކަމުގެ އަޑުތައް ކުރިން ވެސް ފެތުރެ އެވެ. ބައެއް ކުދިން އެ ތަނުން ފިލައިގެން ދާ މައްސަލަތައް ވެސް ފެންމަތިވެ އެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ހިޔާގެ ވެރިފަރާތް، ޖެންޑާ މިނިސްޓްރީއަށް މިކަމާ ގުޅޭ ގޮތުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.
މީގެކުރިން ހިޔާގައި ހުރި ފިރިހެން ކުއްޖަކު ފިލައިގެން ދިޔަ މައްސަލާގައި ވެސް ޖެންޑާ މިނިސްޓްރީ ހޫނު ފެނަށް ވެއްޓުނެވެ. އެ ކުއްޖާ ފިލައިގެން ދިޔަކަން ނޭނގުނީ ރަޖާ އަޅައިގެން ނިދާތީ ކަމަށް އޭރު މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އެ ފިރިހެން ކުއްޖާ ފަހުން ފުލުހުން ހޯދާފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބަޔަކާއެކު އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތައް މި ދުވަސްވަރު ހޫނުވެފައިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފެންމަތިވުމުންނެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް ބަންދު ޖަހާފަ އެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ ކަމަށްވެ އެވެ. މި މައްސަލަ ފަޅާއަރުވާލީ އެ ކުއްޖާ ފެންވަރުވަން އެ ގެއަށް ދިޔަ ކުއްޖާގެ ބޮޑުދައިތަ އެވެ.