ހައިކޯޓް

ހުކުމާ ހިލާފަށް ހިޝާންގެ ހަވާލުގައި ކުއްޖެއް، ހައިކޯޓުގެ ނުރުހުން ޖެންޑާއަށް!

ފިރިހެން ކުއްޖެއްގެ ބެލެނިވެރިކަން ކުރީގެ ޑިސްއޭބިލިޓީ އެމްބެސެޑާ އަހުމަދު ހިޝާންއާ ހަވާލު ނުކުރުމަށް ފެމެލީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ކުއްޖާ، އޭނާގެ ގޭގައި ގެންގުޅޭ މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުން ނުރުހުން ފާޅު ކުރައްވައި ޖެންޑާ މިނިސްޓްރީން އެކަމުގައި އިހުމާލުވެފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ހިޝާން ބެލެނިވެރިކަން ހޯދަން މަސައްކަތް ކުރަނީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކުއްޖެއްގެ އެވެ. އޭނާއާ ގުޅޭ ރިޕޯޓްތަކުން އެކަން ދައްކަ އެވެ. އެ ކުއްޖާއަށް މިހާރު ވަނީ 18 އަހަރުވެފަ އެވެ. އެ ކުއްޖާގެ މަންމަ ދުނިޔޭގައި އެބަ ހުއްޓެވެ. ހިޝާން އާއި ކުއްޖާގެ މަންމައާ ދެމެދު ބެލެނިވެރިކަން ހަވާލު ކުރުމުގައި ދެބަސްވުމެއް ނެތެވެ.

ނަމަވެސް 2017 ވަނަ އަހަރު ފެމެލީ ކޯޓުން ހުކުމް ކޮށްފައި އޮތީ ހިޝާނަށް ކުއްޖާގެ ބެލެނިވެރިކަން ނުދޭށެވެ. އެ ހުކުމްގައި އެ ނިންމުން ނިންމި ސަބަބެއް ބަޔާނެއް ނުކުރެ އެވެ. ނަމަވެސް ބުނެފައި ވަނީ އެގޮތަށް ނިންމީ ދައުލަތުން ހިޝާންއާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ބެލުމަށްފަހު އެވެ.

ބެލެނިވެރިކަން ހަވާލު ކުރާ މީހާއާ ގުޅޭ ކުޑަ ވެސް ޝަކުވާއެއް އުޅޭނަމަ، ބެލެނިވެރިކަން ގާނޫނު ބުނާ ގޮތުން ހަވާލެއް ނުކުރެވޭނެ އެވެ. ފެމެލީ ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ހިޝާން ހައިކޯޓުގައި އިސްތިއުނާފު ކުރީ ފެމެލީ ކޯޓުގެ ހުކުމްގައި ބެލެނިވެރިކަން ހަވާލު ނުކުރަން ނިންމި ސަބަބު ނެތުމުން ކަމަށް ބުނެ އެވެ.

މިއަދު އެ މައްސަލާގައި ހައިކޯޓުގައި އަޑުއެހުމެއް ތާވަލު ކުރި އެވެ. ސީރިއަސް ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ވެސް މިހާރު އަމާޒުވަމުންދާ ހިޝާން މިއަދުގެ އަޑުއެހުމަށް ނުދެ އެވެ. އަދި، ކުއްޖާގެ މަންމަ ވެސް އަޑުއެހުމަށް ހާޒިރެއް ނުވެ އެވެ. ދެ ފަރާތުން ހާޒިރު ނުވުމުން މައްސަލަ ވަނީ ބާތިލްވެފަ އެވެ. އެއީ ހައިކޯޓުގެ ގަވައިދުގައި އޮންނަ ގޮތެވެ.

މައްސަލަ ބާތިލްވި ނަމަވެސް ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުން ޝަރީއަތުގެ މާލަމަށް ވަޑައިގެންނެވި އެވެ. ޝަރީއަތުން އަންގައިގެން މިއަދުގެ އަޑުއެހުމަށް ޖެންޑާ މިނިސްޓްރީގެ ވަކީލާއި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކީލަކު ވަޑައިގެން އިންނެވި އެވެ. އެ ދެ މުއައްސަސާ ޝަރީއަތުން ހާޒިރުކުރީ ތުހުމަތުތަކާ ސީރިއަސް ކަމާއި އެކަމުގައި ދައުލަތުން އެކަށީގެންވާ ފިޔަވަޅުތައް އަޅާތޯ ބެލުމަށްޓަކަ އެވެ.

އާންމުކޮށް މިފަދަ ޝަރީއަތަކަށް ނޫސްވެރިން ނުވެއްދި ނަމަވެސް މިއަދުގެ އަޑުއެހުން އޮތީ ހުޅުވާލާފަ އެވެ. ޖެންޑާ މިނިސްޓްރީއިން ސިއްރުކޮށް ދޭން ވެސް އެދުނެވެ. އެކަމަކު، އެކަން ހައިކޯޓުން ނުކުރި އެވެ. މައްސަލާގެ ހައްސާސް ކަމާއި މިފަދަ މައުލޫމާތުތައް ސިއްރު ކުރަން ބޭނުން ނުވަނީ ކަމަށް ހައިކޯޓުން ބުންޏެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ދެ މުއައްސަސާއާ ވަކިވަކިން ސުވާލުތައް ކުރައްވާފަ އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް ހިޝާންއާ ގުޅޭ ގޮތުން ނުބައި ކަންކަން ފާހަގަވާން ފެށުމުން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސް މައްސަލައަށް ތަދައްހުލްވާން އެންގެވިކަން ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެކަމަށް ޖެންޑާ މިނިސްޓްރީއިން ޖަވާބެއް ނުދީ އެތައް ދުވަހެއް ހޭދަ ކުރީ ކީއްވެގެންތޯ އެއްސެވި އެވެ.

ޖެންޑާ މިނިސްޓްރީގެ ވަކީލް ވިދާޅުވީ މައްސަލައަށް ތަދުއްހުލްވާން ހައިކޯޓުން އެދުމުން ބަންޑާރަ ނައިބުގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ. އަދި ރިޕޯޓެއް އެކުލަވާލައި ޖެންޑާ މިނިސްޓްރީގެ ސްޑޭންޓް ވެސް ތައްޔާރުކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރައީސް އޮފީހުން ސިޓީއެއް ފޮނުވައި ހިޝާންއަށް އޮނަރަރީ ޑިސްއޭބިލިޓީ އެމްބެސެޑާގެ ލަގަބު އެރުވިކަން ޖެންޑާ މިނިސްޓްރީއަށް އެންގި ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ މައްސަލައަށް ތަދުއްހުލް ނުވާން މިނިސްޓްރީއިން ނިންމީ ކަމަށެވެ. ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވެސް ވިދާޅުވީ ހައިކޯޓުން ޖެންޑާ މިނިސްޓްރީ މައްސަލާގެ ތެރެއަށް ތަދައްހުލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ވެސް އެންގުމުން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް ތަދައްހުލް ނުވާން އެ މިނިސްޓްރީއިން ނިންމުމުން ފަހުން މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ފެމެލީ ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ވެސް ހިޝާން ހުންނެވީ ޑިސްއޭބިލިޓީ އެމްބެސެޑާގެ މަގާމުގަ އެވެ. ނަމަވެސް އޭނާގެ މަގާމުގެ ދައުރު ހަމަވުމުން އެ މަގާމު އަލުން ދީފައެއް ނުވެ އެވެ. މަގާމު އަލުން ނުދިނީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ޒެނީޝާ ޒަކީ ހުންނެވިއިރު އެވެ. އެއީ ކިރިޔާވެސް ޝަކުވާއެއް ނުވަތަ ތުހުމަތެއް އުޅޭނަމަ އެމްބެސެޑާގެ މަގާމު ނުލިބޭނެ ކަމަށް ގަވައިދު ބަދަލުކުރުމަށްފަހު އެވެ. އޭރު ހިޝާންއާ ގުޅޭ ގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އޮތެވެ. ޖެންޑާ މިނިސްޓްރީއިން ފެމެލީ ކޯޓަށް ހިޝާންއާ ގުޅޭ އެސެސްމެންޓް ވެސް ހުށަހެޅީ އެ ރިޕޯޓަށް ބިނާކޮށެވެ. ހިޝާންއަށް އޮނަރީ މަގާމެއް އެރުވީ މި ސަރުކާރުންނެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހައިކޯޓުން ހިޝާންއާ ގުޅޭ ޝަކުވާތައް ލިބޭތީ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވަނިކޮށް އޮނަރީ ލަގަބެއް އެރުވުމުން ހައިރާންވި ކަމަށެވެ. އެފަދަ މަގާމުތަކާއި ލަގަބުތައް އަރުވާއިރު ރަނގަޅަށް ބަލައި އެސެސްމެންޓްތައް ހެދުމަކީ ދައުލަތުގެ ޒިންމާއެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މި ހުރިހާ ދުވަސްވީއިރު ވެސް ކުއްޖާ ހުރީ ހިޝާންގެ ގޭގައިކަން ކޯޓަށް އެނގިފައިވާ ކަމަށާއި އަދި އެ ކުއްޖާގެ ރެޖިސްޓްރީ ވެސް އެ ގެއަށް ބަދަލުކޮށްފައިވާކަން އެނގިފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެހާ ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު، އަދި ދައުލަތުގައި އެކަމާ ގުޅޭ ރިޕޯޓްތައް ހުރިއިރު އެ ކުއްޖާ އެފަދަ މީހެއްގެ ހަވާލުގައި ހުރިޔަ ދިނީ ކީއްވެގެންތޯ ތަކުރާރުކޮށް ފަނޑިޔާރު ޖެންޑާ މިނިސްޓްރީއާ ކުރި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހިލޭ ސާބަހަށް އެހީވުމުގައި މަގޫބުލުކަން ހޯދި ހިޝާންގެ މައްޗަށް ކުދިންނާ ބެހުމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. ބަންޑާރަ ނައިބުގެ ވަކީލް މިއަދު ވިދާޅުވި ގޮތުގައި މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިޝާންއާ ދެކޮޅަށް ފުލުހަށް ގިނަ މައްސަލަތަކެއް ވަނީ ހުށަހެޅިފަ އެވެ. އޭނާއާ ދެކޮޅަށް ހަތަރު މީހަކު ބަޔާން ވެސް ދީފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

އެ ކުއްޖާ ހިޝާންގެ ބެލުމުގެ ދަށުގައި ހުރުމުން ސުވާލުތައް އަމާޒު ކުރުމުން ޖެންޑާ މިނިސްޓްރީގެ ވަކީލް ވިދާޅުވީ އެ ކުއްޖާއަކީ 18 އަހަރު ފުރިފައިވާ ކުއްޖެއް ކަމަށެވެ. އެހެން ވަކީލް ވިދާޅުވުމުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެސެސްމެންޓްތަކުން އެނގޭ ގޮތުގައި ކުއްޖާގެ ނަފްސާނީ މައްސަލަތައް އެބަ ހުއްޓެވެ. އެހެންކަމުން ބުއްދި ތަސައްރަފު ނުފުދޭ މީހަކު ބަލާނީ ކުޑަ ކުއްޖެއްގެ ގޮތުގައިކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ކުއްޖާ ހުރި ތަނާއި ހާލަތު ދައުލަތުން ބަލަން ޖެހޭނެ ކަމަށެވެ.

ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ އެ އޮފީހަށް ހިޝާންއާ ގުޅޭ ޝަކުވާތައް 2018 ވަނަ އަހަރު ފާހަގަވުމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުއްޖާ ބެލެހެއްޓުން ބަލަދުވެރިޔަކާ ހަވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ކުއްޖާއާ ހަވާލުވާނެ އާއިލާ މީހަކު ނުވި ކަމަށެވެ. ދައުލަތުގެ ހިޔާއެއްގައި ކުއްޖާ ބަހައްޓަން ބޭނުން ނުވީ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއް ސާފެއް ނުކޮށްދެއްވަ އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ޒިންމާއަކީ އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ފިޔަވަޅުތައް އެޅުން ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންނަން ނެތް ކަމަށެވެ. ހައިކޯޓުން މައްސަލަ ބާތިލް ކުރުމުން ދަށު ކޯޓުގެ ހުކުމް ދެމި އޮންނާނެ ކަމަށާއި އެހެންވެ އެ ހުކުމާ އެއްގޮތަށް އަމަލު ކުރޭތޯ ދައުލަތުން ބަލަން ޖެހޭނެ ކަމަށެވެ. އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސް ވެސް ކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި ޝަރީއަތުން ބޭރުން މުއައްސަސާތައް ހާޒިރުކޮށް މިފަދަ އަޑުއެހުމެއް ބޭއްވުމުގެ ބޭނުމަކީ ވެސް ދައުލަތުން އަޅާ ފިޔަވަޅުތައް ބެލުމެވެ. އަދި ކަމުގެ ސީރިއަސް ކަމާއި އަވަސް ފިޔަވަޅުތަކެއް އަަޅަން ޖެހިފައިވާކަން ހަނދުމަކޮށްދިނުމެވެ.