މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ނުރައްކަލަށް ހުށައެޅިފައިވާ ކުދިންގެ މައުލޫމާތު ހިއްސާކުރަން އަންގައިފި

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޖެންޑާ މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލްތަކުގައި މިހާރު އެދިފައިވާނެ ކަމަށެވެ. އެގޮތުން 200 ކައުންސިލް އިދާރާއަށް އެކަން މިހާރު އަންގާފައިވާނެ ކަމަށެވެ.

ޖެންޑާއިން ބުނީ އެފަދަ ކުދިންނާއި، އާއިލާތަކުގެ މައުލޫމާތު ހަތް ދުވަސް ތެރޭގައި ފޮނުވަންވެސް ކައުންސިލްތަކަށް އެންގި ކަމަށެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޖެންޑާ މިނިސްޓްރީން އަންގާފައި މިވަނީ ކަނޑުހުޅޫދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ އާއިލާ ބަޔަކު ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެ، އެކަމުގެ ކަންބޮޑުވުން މުޖްތަމައުގައި ވަރަށް ބޮޑުވެފައިވަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން ކުޑަ އަންހެން ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ކުއްޖާގެ ކާފަގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާއިރު، މުނިކާފަ ހައްޔަރުކުރީ ކުރިން އެފަދަ މައްސަލައެއްގެ ރެކޯޑް އޮތުމުންނެވެ. އަދި ކުއްޖާގެ ބައްޕައަށް ޖިންސީ ގޯނާގެ ތުހުމަތު ނެތް ކަމަށާ އޭނާ ހައްޔަރުކުރީ ކުއްޖާއަށް އިހުމާލުވުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ ކަނޑުހުޅުދޫއިން އެ މީހުން ދިރިއުޅޭ ގޭގައި ހުއްޓައެވެ.

ނަމަވެސް ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ފިލައިގެން ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓައެވެ.

ކަނޑުހުޅުދޫގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައަށްފަހު ރައްްޔިތުންގެ ރުޅިވެރިކަން ބޮޑުވެ އެފަދަ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް އަޑުއުފުލަން ފެށުމުން ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ އެތައް ކުދިންނެއް ވަނީ އެ ވާހަކަތައް ހިއްސާ ކުރަން ފަށާފައެވެ. އަދި ފުލުހުންވެސް ވަނީ އެފަދަ މައްސަލަތަކުގައި ޝާމިލްވާ ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.