ސިވިލްސާވިސް ކޮމިޝަން

ޕްރައިމަރީގައި ވާދަކުރާ ސިވިލް ސާވެޓުން ސަސްޕެންޑް ނުކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިސް ސާވިސް މުވައްޒަފުން ސަސްޕެންޑް ކުރަން ޖެހޭ ގޮތަށް ސިވިސް ސާވިސްގެ ގަވާއިދުގައި އޮންނަ މާއްދާ އުވާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

ސިވިސް ސާވިސްގެ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވާދަކުރުމުގެ ފުރުސަތު އޮތް ނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކަށް ކުރިމަތިލާ ހިސާބުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ދެން އެ މުވައްޒަފަކު ސަސްޕެންޑް ކުރަން ޖެހެ އެވެ.

އެ މާއްދާ އިސްލާހު ކުރަން ނިންމައި ސީއެސްސީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ޕާޓީއެއްގެ ޕްރައިމަރީގައި ބައިވެރިވާ ހިސާބުން އެއްވެސް މުވައްޒަފަކު ސަސްޕެންޑް ނުކުރާނެ ކަމަށެވެ. އަދި މި ފަހަރު ބާއްވާ ޕްރައިމަރީއަކަށް ކުރިމަތިލައިގެން ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެ އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕާޓީއެއްގެ ޕްރައިމަރީއަކަށް ކުރިމަތިލައިގެން ސަސްޕެންޑް ނުކުރާ ގޮތަށް ނިންމި ނަމަވެސް ޕްރައިމަރީ ކާމިޔާބުކޮށް، އިންތިހާބަށް ކުރިމަތިލައިފިނަމަ އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ މީހެއްގެ ކެންޑިޑޭސީ ބަލައިގެންފިނަމަ އެ ހިސާބުން ފެށިގެން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ދެން އެ މުވައްޒަފަކަށް ސަސްޕެންޝަން އަންނާނެ ކަމަށް ސީއެސްސީގެ ސާކިއުލާގައި ބުނެފައިވެ އެވެ،

އަންނަ އަހަރު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީ ބާއްވާނެ ކަމަށް އިއުލާން ކޮށްފައި ވަނީ އެންމެ ބޮޑު ތިން ސިޔާސީ ޕާޓީ ކަމުގައިވާ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމް އިންނެވެ. އެހެން ބައެއް ޕާޓީތަކުން ވެސް އެ ޕާޓީއެއްގެ ޓިކެޓަށް އެދެން ފުރުސަތު ހުޅުވާލާފައިވެ އެވެ.

މި އަހަރުގެ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ.