ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހުރިހާ އަތޮޅެއްގައި އެމްޑީޕީގެ ކެމްޕޭން ވޯކްޝޮޕެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ މިދިޔަ ހަފުތާ ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ފަދަ ކެމްޕޭން ވޯކްޝޮޕެއް އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ އެހެން އަތޮޅުތަކުގައި ބާއްވާނެ ކަމަށެވެ.
ޝިއްޕެ ވިދާޅުވީ މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް މާލެއިން އެ ޕާޓީގެ ކެމްޕޭން ޓީމެއް ކޮންމެ އަތޮޅަކަށް ދަތުރު ކުރާނެ ކަމަށެވެ. 18 ޓީމަކަށް ބަހާލައިގެން 18 އަތޮޅަށް ކުރާ ކެމްޕޭން ދަތުރު ފަށާނީ އަންނަ ބުރާސްފަތި ދުވަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން މާލޭގައި ވެސް ހަރަކާތެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އަތޮޅުތަކަށް ދަތުރު ކުރާ ކެމްޕޭން ޓީމުތަކުގެ ބޭފުޅުން އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށަކަށް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ދަތުރުކޮށް އެ ރަށްރަށުގައި ދިރިއުޅޭ އާންމުންނާ ބައްދަލުކުރަން ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ހިންގަވާނެ ކަމަށް ޝިއްޕެ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ވަކިވަކި ރަށްރަށަށް އެމްޑީޕީން ވާނެ މަޝްރޫއުތަކުގެ ވައުދުތައް ކަނޑައެޅުމަށް، ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށެއްގައި ވޯކްޝޮޕެއް ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް ޝިއްޕެ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެމްޑީޕީގެ އެ ވޯކްޝޮޕް އެ ދުވަހު ކުރިއަށް ދާނެ ކަމަށެވެ.
"ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އޮންނާނެ. މީގަ ބައިވެރިވާނެ އެމްޑީޕީގެ މިނިސްޓަރުންނާއި ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން، ސިޔާސީ އިތުރު އެޕޮއިންޓީސް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން، އެމްޑީޕީގެ ގޮފިތަކުގެ މެންބަރުން، ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭނެ، ރަށްރަށުގައި ތިބި ވިޔަފާރިވެރިންނާއި ޒުވާނުންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ މީހުނަށް ވެސް ބައިވެރިވެވޭނެ،" ޝިއްޕެ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ އެމްޑީޕީން "އެޖެންޑާ 19 ރަށަށް" ނަމުގައި ބާއްވާ ކެމްޕޭން ހަރަކާތްތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ކެމްޕޭން ހަރަކާތްތައް އަތޮޅުތަކުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮތީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.