ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ބަލައި ދިރާސާ ކުރުމަށްފަހު އެކަންކަން ހައްލު ކުރަން މަސައްކަތް ކުރާނެ ކަމުގައި އެމްޑީޕީން ބުނެފި އެވެ.
އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ އިންތިހާބެއްގައި ދާއިރާތަކެއް ގެއްލިގެން ދާން މެދުވެރިވާ ތަފާތު ސަބަބުތައް ހުންނާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ ލީޑަޝިޕާއި ކަމާ ގުޅޭ އެހެން ބޭފުޅުން އަވަހަށް ބައްދަލުވެ، ދިމާވި މައްސަލަތައް ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށެވެ.
"މީގައި އެންމެ މުހިއްމީ އަޅުގަނޑުމެން އަވަހަށް އިށީނދެ، މިކަންކަމުގައި މަޝްވަރާކޮށް އަވަހަށް ގޮތްތަކެއް ނިންމުން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ދިމާވި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ޕާޓީން މިހާރު ކުރަމުން ގެންދާ ކަމަށެވެ. އަދި ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާ ހިޔާލުތައް ހޯދައި ބަލައި ރަނގަޅު ދިރާސާއެއް ހަދާނެ ކަމަށެވެ.
ހަސަން ވިދާޅުވީ އިންތިހާބުގައި ބައެއް ދާއިރާތައް ކާމިޔާބު ނުވި ސަބަބުތަކުގެ ގޮތުގައި ވަކި ސަބަބުތަކެއް މިވަގުތަށް އޭނާ އަމިއްލަފުޅަށް ދެންނެވުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެމްޑީޕީއަކީ އެ ޕާޓީއަށް ދިމާވާ މައްސަލަތައް ބަލައި، ކަންކަން އިސްލާހު ކުރުމަށް ފިޔަވަޅުތައް އަޅާ ޕާޓީއެއް ކަމަށެވެ.
އެމްޑީޕީއަށް ހިދުމަތްތެރި ބައެއް ބޭފުޅުން ޕާޓީއަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެކަމުގައި ހަސަން ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ހިޔާލު ހުރި ގޮތް ފާޅު ކުރެއްވޭނެ ކަމަށެވެ. ނަމަވެސް ދިމާވާ މައްސަލަތައް ދިރާސާކޮށް، ޕާޓީގެ ލީޑަޝިޕްގައި އެކަންކަމާ މެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމުން ނޫނީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ވަކި އެއްޗެއް ނުދަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕްގައި ވެސް މައްސަލަތަކެއް ހުރެދާނެ ކަން ގަބޫލުކުރައްވާ ކަމުގައި ހަސަން ވިދާޅުވި އެވެ. ނަމަވެސް އިންތިހާބެއްގައި ދާއިރާތަކެއް ގެއްލިގެންދަނީ ހަމައެކަނި އެކަމާ ގުޅިގެން ނޫން ކަމަށާއި ޕާޓީގެ ލީޑަޝިޕުން ވެސް ރަނގަޅު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ބޭފުޅުންނާ ގުޅޭގޮތުން ހަސަން ވިދާޅުވީ އެ ބޭފުޅުން ވެސް އިންތިހާބުވީ މާލޭގެ ރައްޔިތުންނަށް ހިދުމަތްތަކެއް ކުރެއްވުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އޭނާގެ އެހީތެރިކަން ބޭނުންވާ ކަމެއް އޮތް ނަމަ އެކަމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އިންތިހާބުގައި މާލޭގެ ގޮނޑިތަކުގެ ނަތީޖާތައް ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ މާލޭގެ ނަތީޖާއާ މެދު ޔަގީންކަމާ އެކު އެއްޗެއް ދަންނަވަން އަދި ދަތި ކަމުގައިވެސް ވިދާޅުވި އެވެ.