ހަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ޕްރިންސިޕަލް ދޫކޮށްލައިފި

ނ. މާޅެންދޫގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް މިއަދު ދޫކޮށްލައިފި އެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު މި މަހު 13 ގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ޔޫސުފް އާދަމް އެވެ. އޭނާ ދޫކޮށްލީ ނ. ހެނބަދޫ ކޯޓުންނެވެ. އަދި އެ އަތޮޅު ލަންދޫ ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ޖެހި ހަތް ދުވަހުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

ފުލުހުން ބުނީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން، މިއަދު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް ދޫކޮށްލި ސަބަބުން ހާމަ ނުކުރެވޭނެ ކަމަށް ބުންޏެވެ.

ޔޫސުފް ވަނީ މިދިޔަ ތިން އަހަރު މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލްކަން އަދާ ކޮށްފަ އެވެ. މަސްތުވާތަކެއްޗާއެކު ޔޫސުފް ހައްޔަރުކުރިކަން ފުލުުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ.