މަސީ

ސީޕްލޭން ޓާމިނަލްގެ މައްސަލާގައި މުވައްޒިފަކު ވަތްކެއް ނުކުރަން: އެމްއޭސީލް

ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓުން ބުނެފި އެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައިވަނީ ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެއްދެވި، އެމްއޭސީއެލްގެ އިސް ދެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރަމުންނެވެ.

އެ ކުންފުނިން ބުނީ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައި ހުންނާނީ ވަރަށް މަދު ހާލަތެއްގައި ކަމަށާ މިހާތަނަށް އެއްވެސް މުވައްޒިފަކު އުސޫލުތަކުގެ ބޭރުން ވަޒީފާއިން ވަކިކޮށް ފައިނުވާނެ ކަމަށެވެ.

"މުވައްޒަފުން ދެމެހެއްޓުމުގެ ރެކޯޑެއް އެމްއޭސީއެލްގައި އޮންނާނެ." އެ ކުންފުނިން ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް، ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ އެ ތުހުމަތުތައް ވެސް އެމްއޭސީއެލް އިން ވަނީ ދޮގު ކޮށްފައެވެ.

އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތަކީ އެމްއޭސީއެލް އިން 848 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމަށް ފަހު އެމްއޭސީއެލް އިން ޓާމިނަލް ހިންގައިގެން ސަރުކާރަށް ބޮޑު ފައިދާއެއް ވާން އޮތް ނަމަވެސް ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދިނުމަށް އެ ކުންފުނިން މަޝްވަރާކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެމްއޭސީއެލް އިން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ މިޓާމިނަލްއިން ކުއްޔަށް ހިފައިގެނެވެ.

އެ ކުންފުނިން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ.

ވީއައިއޭގެ އާ ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު މުހިންމު ކަމެއް ކަމަށާ ނަމަވެސް އެ ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ ފެސިލިޓީސް އާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެނެވެ.

ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުރިހަމަ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި ކަމަށާއި އެކަން އެގޮތައް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.

އާ ޓާމިނަލް ހަދަމުން ދަނީ އެއް ފަހަރާ 55 ސީޕްލޭން އަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި މިތަން ހަދާފައިވަނީ މި އަދަދު 100 އަށް އިތުރު ކުރެވޭނެ ގޮތް ބަލައިގެންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.