ދުނިޔެ

ޗައިނާއިން ފެނުނު އާ ވައިރަސް ގައިން ގަޔަށް އަރާ

Jan 21, 2020

ބެއިޖިންގް (ޖެނުއަރީ 21) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވަރަށް ބާރު މިނުގައި ފެތުރެމުންދާ ކަމަށާއި އެ ބަލި ގައިން ގަޔަށް އަރާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ވުހާން ސިޓީއަށް ނުދާ މީހުންނަށް ވެސް އެ ވައިރަސް ޖެހިފައިވެދާ ނެކަމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވައިރަސް ފެނިފައި ވަނީ ވުހާން ސިޓީންނެވެ.

އެ ކޮމިޝަނުގެ އޮފިޝަލަކު ޗައިނާގެ ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި، އެ ވައިރަސް ގައިން ގަޔަށް އަރާ ކަމަށް މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑޮންގް ޕްރޮވިންސުގައި ދިރިއުޅޭ ދެ މީހަކަށް ވައިރަސް ޖެހިފައި ވަނީ ވުހާނަށް ދިޔަ އެ މީހުންގެ އާއިލާގެ މެންބަރެއްގެ ގައިން ކަމަށެވެ. އަދި އެ ވައިރަސް ޖެހުނު ބަޔަކަށް ފަރުވާދޭން އުޅުނު 14 ސިއްހީ އޮފިޝަލަކަށް ވެސް ބަލި ޖެހިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ސާސް ރޯގާ 2002 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ދެކުނު ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ވުހާންގެ ނަމުން ނަން ދީފައިވާ ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 218 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ތިން މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އާދީއްތަ ދުވަހުން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.

ނަމަވެސް، ސައުތު ކޮރެއާ، ތައިލަންޑު އަދި ޖަޕާނުން ވެސް އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ފެނިފަ އެވެ.