ޓްރާންސްފާ މާކެޓް

ކަވާނީގެ ޓްރާންސްފާގެ ރޭހަށް ޗެލްސީ ވަދެއްޖެ

ޕީއެސްޖީގެ ފޯވަޑް އެޑިންސަން ކަވާނީ އަށް، ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ޝައުގުވެރި ކަން ފާޅު ކުރުމާއެކު އޭނާގެ ޓްރާންސްފާގެ ރޭހަށް ޗެލްސީން ވަން ކަން ހާމަ ވެއްޖެ އެވެ.

އިނގިރޭސި ބައެއް މީޑިއާ ތަކުން ބުނެފައި ވަނީ ކަވާނީ ގެނައުމަށް ޗެލްސީން ޕީއެސްޖީއާއެކު ވާހަކަތައް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށެވެ. މި ސީޒަންގެ ނިޔަލަށް ޕީއެސްޖީ އާއެކު އެއްބަސްވުން ހަދާފައިވާ އުރުގުއޭގެ ފޯވަޑްގެ ޓްރާންސްފާގައި ޗެލްސީއާ އެންމެ ބޮޑަށް ވާދަ ކުރާނީ އެތުލެޓިކޯ މެޑްރިޑެވެ.

އެތުލެޓިކޯގެ ޖެނަރަލް ޑައިރެކްޓާ އެންހަލް ގިލް މާރިން ވަނީ މީގެ ކުރިން ޕެރިހަށް ދަތުރުކޮށް ޕިއެސްޖީގެ މެނޭޖްމެންޓާ ވާހަކަ ދައްކާފަ އެވެ. އެތުލެޓިކޯއިން ފުރަތަމަ ހުށަހެޅި 10 މިލިއަން ޔޫރޯގެ ބިޑް ޕިއެސްޖީން ވަނީ ގަބޫލު ނުކޮށް އަނބުރާ ފޮނުވާލާފަ އެވެ.

ޕީއެސްޖީން ވަނީ، ކަވާނީ ކޮންޓްރެކްޓް އާ ކުރުމަށް އޭނާ އާ ވާހަކަ ދައްކާފަ އެވެ. އެހެންނަމަވެސް މި ސީޒަންގައި އޭނާއަށް ފުރަތަމަ 11 އިން ފުރުސަތު ހޯދުމުގައި ވަނީ އުނދަގޫ ކުރިމަތި ވެފަ އެވެ. އޭނާގެ ބަދަލުގައި ޕީއެސްޖީގެ ސްޓައިކަރު ރޯލުން މި ސީޒަންގައި ޖާގަ ލިވެނީ އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީ އަށެވެ. އެހެންވެ ޕީއެސްޖީގައި މަޑު ކުރަން ކަވާނީ ބޭނުމެއް ނުވެ އެވެ.

"އެޑިންސަން ކަވާނީ ވަނީ އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައި،" ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއާނޮޑޯ ބުންޏެވެ. "އަހަރެމެންނަށް ހުށަހެޅުމެއް އައި އެތުލެޓިކޯ މެޑްރިޑްގެ ފަރާތުން، އެހެންނަމަވެސް އަހަރެމެން އެ ހުށަހެޅުން ބަލައެއް ނުގަންނަން."

އެތުލެޓީކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ސްޓައިކަރަކަށް ބޭނުން ވަނީ ކަވާނީ އެވެ. ޓްރާންސްފާ ބިޑް އަލުން ރިވިއު ކުރުމަށް ފަހު ހުށަހެޅުމަށް ސިމިއޯނޭ ވަނީ އެތުލެޓިކޯ މެނޭޖެމުންޓްގައި އެދިފަ އެވެ.

މިހާރު އެ ރޭހަށް ޗެލްސީވެސް ވަނުމުން ޓްރާންސްފާގެ އަގު އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ލަމްޕާޑް ބުނީ ކަވާނީ އާ މެދު އޭނާ ޝައުގުވެރިވާ ކަމަށެވެ.

"އަހަރެން އޭނާ އާ ދެކޮޅަށް ކުޅުނިން، އޭނާގެ މެންޓަލިޓީ އާއި އެޓިޓިޔުޑް ގެންގުޅޭ ގޮތުން އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިޔެއް އެއީ،" ކަވާނީ އާ ބެހޭގޮތުން ލަމްޕާޑް ވާހަކަ ދެއްކި އެވެ. "ހަމަ ޔަގީނުންވެސް އޭނާގެ ގޯލް ސްކޯރިން ރޭޓަށް ބަލާއިރު ވެސް އެކަން ސާފްކޮށް ބުނެދޭ."

ޗެލްސީން ސްޓައިކަރެއް ގެނައުމަށް މަސައްކަތް ކުރަނީ އޮލިވާ ޖިރޫޑް ވެސް ދޫކޮށްލަން ތައްޔާރު ވާތީ އެވެ. އިންޓަ މިލާންއިން ވަނީ ޖިރޫޑް ގެންދަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.