ހަބަރު

ރާއްޖޭގައި ފިރިހެން ކުދިން ގިނަ، ބޮޑުބައި އުޅެނީ ރަށްރަށުގައި

ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގައި ގިނައީ ފިރިހެން ކުދިން ކަމަށާ، އެ އާބާދީގެ ބޮޑުބައި ދިރިއުޅެނީ ރަށްރަށުގައި ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ އާބާދީގައި ޖުމްލަ 126،056 ކުދިން ތިބިއިރު، މީގެތެރެއިން 52 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އަދި އަންހެން ކުދިންގެ ނިސްބަތް އުޅެނީ 48 ޕަސެންޓުގަ އެވެ. އާބާދީގެ ނިސްބަތުން މި އަހަރުގެ ނިޔަލަށް ކުދިންގެ ނިސްބަތް އުޅެނީ 32 ޕަސެންޓުގަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެ ޖިންސުގެ އާބާދީ އަށް ބަލާއިރު، 37 ޕަސެންޓު ކުދިން އުޅެނީ މާލޭގަ އެވެ. މާލޭގައި 24،533 ފިރިހެން ކުދިންނާއި 22،648 އަންހެން ކުދިން ދިރިއުޅެ އެވެ. އަދި އަތޮޅުތަކުގައި 41،350 ފިރިހެން ކުދިން ދިރިއުޅެ އެވެ. އަދި ރަށްރަށުގައި އުޅެނީ 37،225 އަންހެން ކުދިންނެވެ.

ގިނަ ކުދިން ކިޔަވަނީ ގްރޭޑް ދޭއްގައި

އެޑިއުކޭޝަން މިނިސްޓްރީގެ މިދިޔަ އަހަރުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި 89،432 ކުދިން ކިޔަވަ އެވެ. ކިޔަވާ ކުދިންގެ ތެރެއިން 56،056 ކުދިން އުޅެނީ ރަށްރަށުގަ އެވެ. މާލޭގައި ކިޔަވަނީ 33،376 ކުދިންނެވެ.

އެކި ގްރޭޑް ތަކަށް ވަކިން ބަލާނަމަ އެންމެ ގިނަ ކުދިން ކިޔަވަނީ ގްރޭޑް ދޭއްގަ އެވެ. ރަށްރަށުގެ ގްރޭޑް ދޭއްގައި 4،800 އެއްހާ ކުދިން ކިޔަވަ އެވެ. އަދި މާލޭގައި އެންމެ ގިނަ ކުދިން ކިޔަވަނީ ގްރޭޑް އެކެއްގަ އެވެ. މި ގްރޭޑުގައި ގާތްގަނޑަކަށް 2،800 ކުދިން ކިޔަވަމުން ދެ އެވެ. އަދި އެންމެ މަދުން ކުދިން ކިޔަވަނީ ގްރޭޑް 11 އަދި 12 ގަ އެވެ. އަތޮޅުތަކުގެ ސްކޫލްތަކުގައި ގްރޭޑް 11 ގެ 500 ވަރަކަށް ކުދިން ކިޔަވަ އެވެ. އަދި މާލޭގައި މި ގްރޭޑުތަކުގައި ކިޔަވަނީ 12،00 އެއްހާ ކުދިންނެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުގެ ގްރޭޑް 12 ގައި 600 އެއްހާ ކުދިން ކިޔަވަ އެވެ. އަދި މާލޭގެ ސްކޫލްތަކުގައި ކިޔަވަނީ 1،200 އެއްހާ ކުދިންނެވެ.

މަތީ ސާނަވީގައި ގިނައީ އަންހެން ކުދިން

ގްރޭޑުތަކުގައި ދެ ޖިންސުގެ ކުދިން ވަކިން އުޅޭ ނިސްބަތަށް 2018 ވަނަ އަހަރާ ހަމަ އަށް ބަލާއިރު ޕްރައިމަރީ ގްރޭޑްތަކުގައި ގިނައީ އަންހެން ކުދިންނެވެ. ނަމަވެސް ދެ ޖިންސުގެ ތަފާތު މި ގްރޭޑުގައި އުޅެނީ ކުޑަކޮށެވެ. އަންހެން ކުދިންގެ ނިސްބަތް އުޅެނީ 96.7 ޕަސެންޓުގަ އެވެ. އަދި ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ 95.8 ޕަސެންޓުގަ އެވެ. އަދި ލޯވާ ސެކަންޑްރީ ސްކޫލުގައި ގްރޭޑްތަކުގައި ގިނައިން ކިޔަވަނީ ފިރިހެން ކުދިންނެވެ.

ފިރިހެން ކުދިންގެ ނިސްބަތް 102.8 ޕަސެންޓުގައި އުޅޭއިރު، އަންހެން ކުދިންގެ ނިސްބަތް އުޅެނީ 99.6 ޕަސެންޓުގަ އެވެ. އަދި މަތީ ސާނަވީ ގްރޭންޑުތަކުގައި ކިޔަވާ ކުދިންގެ 56.7 ޕަސެންޓަކީ އަންހެން ކުދިންނެވެ. އަދި ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ 43 ޕަސެންޓުގަ އެވެ.