މާލޭ ސިޓީ ކައުންސިލް

ގަވާއިދާ ހިލާފަށް އަޅާފައިވާ 25 އުޅަނދެއް ނަގައިފި

Jan 21, 2020

މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރު ނުކޮށް ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތުގެ ތެރެއިން 25 ދޯންޏެއް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރަނީ ކައުންސިލް އާއި ފުލުހުންގެ އިތުރުން ގުޅުން ހުރި އެހެން ފަރާތްތަކާއެކު އެވެ. މަސައްކަތް ފަށާފައިވަނީ އިއްޔެ ހެނދުނެވެ.

ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ އިއްޔެ އެކަނިވެސް 25 ދޯންޏެއް ނަގާފައިވާ ކަމަށެވެ. އަދި ހަަތަރު ދޯންޏެއް ޓޯކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނިތައް ގެންގޮސްފައިވަނީ ތިލަފުއްޓަށް ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ފަހާގަ ކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭގެ ފަޅުގެ ދަތިކަމަކީ އޮޑިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.