އިމްރާން އަބްދުﷲ

އާ ސީޕީއާއެކު އިސްލާހުތައް އަވަސްވާނެ: އިމްރާން

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު މުހައްމަދުފުޅާއެކު ރާއްޖޭގެ ޖަލުތައް އިސްލާހު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިން ހުންނެވި އަބްދުﷲ މުނާޒް ވަކި ކުރުމަށް ފަހު އެ މަގާމަށް އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅު އައްޔަން ކުރައްވާފައި ވަނީ މިއަދު އެވެ.

އޭގެ ފަހުން ހޯމް މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޖަލުތައް އިސްލާހު ކުރަން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ، ޖަލު އޮޑިޓްގެ ރެކޮމަންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް އާ ކޮމިޝަނާ ހަލުވިކޮށް ކުރިއަށްދަވާނެ ކަމަށެވެ.

"އަދި ކުރީގެ ސީޕީ މުނާޒް، ކަރެކްޝަނަށް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" ވަޒީރު ކަމަށް ފަހު އާދަވެ ޓްވިޓާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ކުރެއްވި ޓްވީޓް

އަހުމަދު މުހައްމަދުފުޅު، އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖަލުތައް އޮޑިޓް ކުރި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަނާގެ މަގާމަށް މުނާޒް އައްޔަން ކުރެއްވީ ޑިސެންބަރު 25، 2018 ގައެވެ. މުނާޒް މަގާމުން މިއަދު ކުއްލި ގޮތަކަށް ވަކިކޮށްފައި ވަނީ ޖަލުތަކުގެ ހާލަތާމެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.