ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިހާރު ހުށަހަޅާފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސް ކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށާއި އެފަދަ މައްސަލަތައް ހުއްޓުވަން ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމައުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މިފަދަ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއްކަމަށް ވިދާޅުވެފަ އެވެ.
ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލި އެމްޑީޕީގެ އެކްޓިވިސްޓް، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ ހުކުމް ލުއި ކޮށް ދެއްވާ މިނިވަން ކޮށްފައި ވަނީ މި ސަރުކާރުގެ ވެރިކަމުގެ އެންމެ ކުރީކޮޅެވެ. ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާއެކު ކޮޓަރިއެއްގައި އޮއްވަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.
ނަމަވެސް ފަހުން ރައީސް ސޯލިހް ވަނީ އެއީ އެމަނިކުފާނަށް ނިންމެވުނު ގޯސް ނިންމެވުމެއް ކަމަށާ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އެ ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ އަޅުގަނޑު ހިތައް އަރާ މިއަދު. މާ އަވަހަށް އެކަން ނުކުރެވުނު ނަމައޭ ހިތައް އަރާ. އެކަމާ އަޅުގަނޑު މިއަދުވެސް ހިތާމަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ނިންމުމެއް ނިންމުމަށް ފަހު، ފަހުން އެކަން ބަދަލުކުރަން ޖެހުނީމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،"
ގއ. ކަނޑުހުޅޫގައި ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ރައީސް ވަނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.