ހަބަރު

އިންސާފު ހޯދައިދިނުމުގެ މަސައްކަތް އިތުރު ކޮށްފިން: ރައީސް

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތްތައް ދަނީ އިތުރު ކުރަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގެވެށި އަނިޔާ އާ ދެކޮޅަށް ހޭލުންތެރި ކުރުވުމަށް ޖެންޑާ މިނިސްރީން މިއަދު ފެށި މި ކެމްޕޭނާ ގުޅިގެން ރައީސް ސޯލިހް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ސަރުކާރުން ކުރަމުން އައި މަސައްކަތްތައް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއަށް މި އަހަރު 294 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް ވިދާޅުވި އެވެެ.

އެއީ ކުރީގެ ސަރުކާރުގެ އެންމެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 111 މިިލިޔަން އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެވެށި އަނިޔާ އަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމައުގައި ޒަމާނުއްސުރެ އަށަގެންފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށާއި މިއީ އާއިލާތައް ހަލާކުވެ އުފާވެރި ޖީލުތަކެއް ބިނާ ކުރުމަށް ހުރަސް އަޅާ މައިގަނޑު އެއް މައްސަލަ ކަމަށެވެ. އަދި، މި މައްސަލަ ހައްލު ކުރުމުގައި މުޅި ދައުލަތް އޮތީ ޒަމާންތަކެއް ވަންދެން ނުކުޅެދިފައި ކަމަށާއި މިއީ އެންމެންވެސް ޒިންމާ ނަގަންޖެހޭ މައްސަލަ އެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު އަނިޔާ ލިބޭ އަންހެނުން ގިނަ ވުމަކީ މުޅި މުޖުތަމައު އަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. މިކަން ހައްލު ނުކޮށް މުޖުތަމައުއެއްގެ ގޮތުގައި ކުރިއަށް ދެވެން ނެތް ކަމަށާއި ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭނީ މިކަންކަމަށް ހައްލު ލިބިގެން ކަމުގައި ވިދާޅުވި އެވެ.