މިނިމަމް ވޭޖް

މިނިމަމް ވޭޖާ މެދު ވަޒީރުން، އިދާރާތަކާ މަޝްވަރާކޮށްފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ހާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވާ ކަމަށެވެ. މި ޕްރެޒެންޓޭޝަން ބިނާކޮށްގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަދި ރައީސް ބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތު ތަކުގެ މައްޗަށް ކަމަށެވެ.

މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑަކީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއަށް ލަފާ ދިނުމަށް މެއި 1، 2019 ގައި އުފެއްދި ބޯޑެކެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެއެވެ. މިގޮތުން، ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއާއި، ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތަކާއިމެދު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" ގެ ލެޖިސްލެޓިވް އެޖެންޑާގައި ވެސް މިނިމަމް ވޭޖް ކަނޑައެޅުން ހިމެނެ އެވެ. އެ ކަރުދާހުގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަނޑައެޅިދާނެ އަދަދުތަކެއް ވެސް ހިމެނި އެވެ.